ހުޅުމީދޫގައި ހުންނަ އެމްޓީސީސީ ސައިޓުގައި މަސައްކަތް ކުރާ ގިނަ ބިދޭސީންތަކެއް ކޮވިޑު-19 އަށް ޕޮޒިޓިވްވީ އެމްޓީސީސީގެ ވެރިންގެ އިހުމާލުން ކަމަށް ބުނެ ހުޅުދޫ ރައްޔިތުން އެމްޓީސީސީގެ ވެރިންނާއި ދެކޮޅަށް މިރޭ އަޑުއުފުލަަން ފަށައިފިއެވެ.
ހުޅުދޫ އޮފީސް ކުރިމަތީގައި ތިބެ އެމްޓީސީސީ އާއި ދެކޮޅަށް އަޑު އުފުލަމުންދާ މީހުން ބުނީ އެ ދެރަށުގެ ރައްޔިތުން ބޮޑު ބިރުވެރިކަމަކަށް ގެނައީ އެމްޓީސީސީން ކަމަށެވެ. އެގޮތުން ބަޔަކު ޕޮޒިޓިވްވީ އިރު އެމީހުންގެ ކޮންޓެކްޓު ޓްރޭސިން ނަހަދާ ދޮގު ހަދާފައިވާ ކަމަށް އެމީހުން ފާހަގަ ކޮށްފައިވެއެވެ.
"އެމްޓީސީސީގެ ވެރިން ސީދާ ޒިއްމާ ނަގަން ޖެހޭނެ، ހުޅުމީދޫ ރައްޔިތުން ބޮޑު ބިރުވެރިކަމަކަށް ގެނައީ އެމްޓީސީސީން، އެމީހުންގެ އިސް މީހުން ޖެހެނީ ރަށުން ވަގުތުން ބާލަން"
އަޑު އުފުލަމުން ދިޔަ ރައްޔިތަކު ބުންޏެވެ.
މީގެ އިތުރުން އެމްޓީސީސީ ސައިޓުން ކޮވިޑު-19 އަށް ޕޮޒިޓިވްވީ އެންމެން އެރަށުން ބޭރުކޮށް ކޮވިޑު ފެސިލިޓީއަަކަށް ގެންދިއުމަށް ވަނީ ގޮވާލާފައެވެ.
ހުޅުމީދޫން އެންމެ ފުރަތަމަ ކޮވިޑު-19 އަށް ޕޮޒިޓިވްވީ މާލެއިން އެރަށަށް ދިޔަ ދެ ބިދޭސީއަކު ކަރަންޓީނު ފުރިހަމަ ކުރުމަށް ފަު ނެގި ސާމްޕަލް ޕޮޒިޓިވްވެގެންނެވެ. އެމީހުން ޕޮޒިޓިވްވުމާއި ގުޅިގެން އެމީހުންގެ ކޮންޓެކްޓު ޓްރޭސިން ހެދުމަށްފަހު އެމީހުންނާއި އިތުރު ބަޔަކާއި ބައްދަލުވެފައި ނުވާ ކަމަށް ވަނީ ނިންމާފައެވެ.
އޭގެ ފަހުން އިއްޔެ އެތަނުގައި މަސައްކަތްކުރާ ހަތަރު ބިދޭސީއެއްގެ ފަރާތުން ކޮވިޑު-19ގެ އަލާމާތްތަކެއް ފެނިގެން ހެދި ޓެސްޓުން އެ ހަތަރު މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިއަދު އެތަނުގައި މަސައްކަތް ކުރާ 56 މީހުންގެ ސާމްޕަލް ނަގައި ހެދި ޓެސްޓުން އިތުރު 10 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
މި މީހުން ޕޮޒިޓިވްވުމާއި ގުޅިގެން އިތުރު ކޮންޓެކްޓު ޓްރޭސިން ހަދަމުން އަންނަ އިރު މާދަމާ އެރަށުން ރެންޑަމް ސާމްޕަލް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީ އާއި ދެކޮޅަށް އަޑު އުފުލާ މީހުން ވަނީ އެކަން ހިނގާ ދިޔަ ގޮތް ތަހްގީގު ކުރުމަށް ފުލުހުންނަށް ގޮވާލާފައެވެ. އަދި ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކަކީ ސީދާ އެމްޓީސީސީގެ ވެރިންގެ އިހްމާލުން ލިބެމުންދާ ގެއްލުން ކަން ފާހަގަކޮށްފައެވެ.