މާލޭ ވިޔަފާރި ބަނދަރުގައި ރޭ ދަންވަރު ކާޕެޓު ރޯލެއް ދޯންޏަކަށް އަރުވަން އުޅުމުގެ ތެރޭގައި މީހަކަށް ސީރިއަސް އަނިޔާވި މައްސަލަ އާއި ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންތަކެއް ސަސްޕެންޑުކޮށްފިއެވެ.
އެމްޕީއެލްއިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރޭ މާލެ ވިޔަފާރި ބަނދަރުގައި ހިނގި ހާދިސާ ތަހްގީގު ކުރުމުގެ މަސައްކަތް އެކުންފުނީގެ އެކްސިޑެންޓު އިންވެސްޓިގޭޝަން ކޮމެޓީން ފަށާފައިވާ ކަމަށެވެ.
އަދި ހާދިސާގެ ތަހްގީގު ވަކިގޮތެއް ކަނޑައަޅަން ދެން އެމްޕީއެލްގެ މުދާ ކްލިއާ ކުރާ "މިނާ އިންވެސްޓުމަންޓު ގްރޫޕާއި" ހާދިސާ އާއި ގުޅުން ހުރި އޮޕަރޭޝަންސްގައި މަސައްކަތް ކުރަމުން ދިޔަ އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެމްޕީއެލްއިން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ޒިއްމާވާން ޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށެވެ. އަދި މާލެ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްޕީއެލްގެ ބަޔާނުގައި ވެއެވެ.
ރޭ ދަންވަރު 2:15 ހާއިރު އެމްޕީއެލްގައި ހިނގި ހާދިސާގައި އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިމައްޗަށް ކާޕެޓް ރޯލެއް ވެއްޓި އޭނާއަށް ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.
ކާޕެޓު ރޯލެއް ވެއްޓި މީހަކަށް ބޮޑެތި އަނިޔާތަކެއްވެފައިވާއިރު، މިދިޔަ މަހުގެ ކުރީކޮޅު އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓެއިނަރަކުން ބިއްލޫރި ތަކެއް ބަރު ކުރަނިކޮށް ގައިމައްޗަށް ޕެލެޓް ވެއްޓި ލިބުނު އަނިޔާތަކާ ގުޅިގެން ނ. ލަންދޫ/ފޭރުގަސްދޮށުގޭ، އުމުރުން 27 އަހަރުގެ އަބްދުﷲ އާސިމް ވަނީ ނިޔާވެފައެވެ.