މާލެ ސަރަހައްދުގައި ކާފިއު އިއުލާނު ކޮށްފައިވާ ވަގުތުގައި މަގުމަތި މޮނީޓާކޮށް ބެލެހެއްޓުމަށް 200 އަށްވުރެއް ގިނަ ފުލުހުން ހަރަކާތްތެރިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ، ކޮވިޑް 19 އާއި ގުޅޭ ކަންކަން ތަންފީޒުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި މާލެ ސިޓީގައި މަސައްކަތްކުރާ އޮޕަރޭޝަނަލް ފުލުހުންގެ އިތުރުން ސީނިއަރ އޮފިސަރުންވެސް ހިމެނޭގޮތަށް މަގުމަތީގައި އިތުރު ފުލުހުން އިއްޔެއިން ފެށިގެން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
އެގޮތުން މަގުމަތި ބެލެހެއްޓުމުގައި 165 ފުލުހުންނާއި ސީނިއަރ އޮފިސަރުންގެ 44 އޮފިސަރުން ކާފިއުގަޑީގައާއި އެހެނިހެން ގަޑިތަކުގައިވެސް މަސައްކަތްކުރަމުންދާ ކަމަށް ފުލުހުން މައުލުމާތުދެއެވެ. މިގޮތުން ޖުމްލަ 209 ފުލުހުން ދެ ޝިފްޓަކަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.
ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން އިތުރު ފިޔަވަޅުތައް އަޅަމުން އަންނައިރު، ރޭގަނޑު 08:30 ގެ ފަހުން ދުއްވާ އުޅަނދުފަހަރުގައި އުޅުންވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ވަނީ މަގުމަތީގައި އުޅުން މަނާކޮށް ކާފިއު އިއުލާނުކޮށްފައެވެ.