Last Updated: November 24, 21:27
Sunday, November 24, 2024
ޚަބަރު ސިޔާސީ

ޝިޔާމް، ހަލީމަށް: "ތިއުޅެނީ އިހުތިޖާޖުތައް މާކަމުދާތީ ޚަރާބުކުރަން"

ޕީޕީއެމް ޕީއެންސީން މާލޭގައި އިއްޔެ ކުރިއަށްގެންދިޔަ އިހުތިޖާޖުތަކުގައި މަސައްކަތްކުރީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދިނުމަށްކަމަށް މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލެތް) ވިދާޅުވި ވާހަކައަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރައްދުދެއްވައިފިއެވެ.

އިދިކޮޅުން އިއްޔެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މާލޭގެ މަގުތަކުގައި ކުރި އިހުތިޖާޖުގެ ތެރެއިން ނަޝީދާއި ބައްދަލުވުމުން އެމަނިކުފާނަށް ހަމަލާދޭން އިހުތިޖާޖުގެ ބައިވެރިން މަސައްކަތް ކުރި ކަމަށް އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރެއެވެ. ނަމަވެސް މި ތުހުމަތުތައް ޕީޕީއެމުން ވަނީ ދޮގުކޮށްފައެވެ. އެކަމާ ގުޅިގެން ހަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދުގެ ގޭ ދޮށަށް ގޮސް ގަޔަށް ބޮލަށް އަރަން ނުޖެހޭ ކަމަށެވެ. އަދި ޕީޕީއެމުން މުޒާހަރާ ވެސް ކުރަންވީ ކަމަށާއި ނަމަވެސް ނަޝީދުގެ ގޭ ދޮށަށް ގޮސް އެމަނިކުފާނަށް ހަމަލާ ދޭން އުޅުމަކީ މުޒާހަރާ ކުރުން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެގޮތަށް އަމަލުކުރުމަކީ ރައީސް ޔާމީނަށް ލުޔެއް ލިބޭނެ ކަމެއް ވެސް ނޫން ކަމަށް ހަލީމް ވިދާޅުވިއެވެ.

ހަލީމްގެ ޓްވީޓަށް ރައްދުދެއްވާ ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޕީޕީއެމްއަކީ ކުރާކަމެއް ނިކަން ރިވެތިކޮށް ކުރާ ބައެއްކަމަށެވެ. އެމްޑީޕީގެ އެކްޓިވިސްޓުން ލައްވާ އެމްޑީޕީގެ ލީޑަރުން ކުރުވާކަހަލަ ކަންކަމެއް ޕީޕީއެމުން ނުކުރާނެ ކަމަށްވެސް ޝިޔާމްގެ ޓްވީޓްގައިވެއެވެ.

"ވާދަވެރިންގެ އިހުތިޖާޖުތައް މާކަމުދާތީ ތިއުޅުއްވަނީ ޚަރާބުކުރަން." ޝިޔާމްގެ ޓްވީޓްގައިވެއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އިދިކޮޅުގެ މުޒާހަރާތަކުގެ "ސަބްޖެކްޓް" ނޫންކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ ފައިސާގެ މައްސަލައެއްގައި މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާއިރު ކްރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދު ކުރުމުން އިދިކޮޅު ޕީޕީއެމް ޕީއެންސީން ވަނީ އެ ހުކުމް ބަލައިނުގަންނާނެ ކަން ހާމަކޮށްފައެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ސީދާ ހަރަކާތަށް ނިކުތުމަށްވެސް އިދިކޮޅުން ވަނީ ނިންމާފައެވެ.