ސ. ގަމުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޓްރެއިނިންއަށް ދިޔަ އިތުރު ދެމީހަކު ހިތަދޫން ކޮވިޑު-19 އަށް ޕޮޒިޓިވްވެ މި ކްލަސްޓަރ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 7 އަށް އަރައިފިއެވެ.
އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) އައްޑޫލައިވްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލަށް ޕޮޒިޓިވްވީ ދެމީހުންނަކީ އަލާމާތް ހުރެގެން ހިތަދޫ ފްލޫ ކުލިނިކަށް ދެއްކި އެއަޕޯޓުގެ ސެކިއުރިޓީގައި މަސައްކަތް ކުރާ ދެމީހުން ކަމަށެވެ.
މި މީހުންނާއި އެކު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 7 އަށް އިތުރުވެފައެވެ.
ހިތަދޫން އެންމެ ފުރަތަމަ ޕޮޒިޓިވްވީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބޭއްވި ޓްރެއިނިންއަށް ދިޔަ މޯލްޑިވިއަންގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ. އޭގެ ފަހުން މޯލްޑިވިއަންގައި މަސައްކަތް ކުރާ އިތުރު ދެ މުވައްޒަފަކު ފޭދޫން ޕޮޒިޓިވްވެފައިވާ އިރު މި ކްލަސްޓަރ އާއި ގުޅުން ހުރި މީހަކު ވަނީ ގދ. ތިނަދޫން ޕޮޒިޓިވްވެފައެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ގަމުގައި ބޭއްވި ޓްރެއިނިންއަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް 46 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އޭގެ ތެރެއިން ނަތީޖާ ލިބުނު 7 މީހުން މިވަނީ ޕޮޒިޓިވްވެފައެވެ.
އޭވިއޭޝަން ސެކިއުރިޓީގެ ޓްރެއިނިންއަށް ދިޔަ ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން އެއިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމާންޑުގެ ޓްރެއިނިންގ ޔުނިޓްގެ ދެ މުވައްޒަފުން، އައްޑޫގައި ކުރިޔަށް ގެންދިޔަ ޓްރެއިނިންގ އަކަށް، ގޮސްފައިވަނީ މި މަހުގެ ދެވަނަ ދުވަހު ކަމަށެވެ. އަދި މި ޓްރެއިނިންގ އަށް މުވައްޒަފުން ގޮސްފައިވާނީ، އެޗް.ޕީ.އޭ ގެ ގައިޑްލައިންއާއި އެއްގޮތަށް ޕީ.ސީ.އާރް ޓެސްޓް ހަދާ ނެގެޓިވް ނަތީޖާ ލިބުމުން ކަމަށްވެސް އެބަޔާނުގައިވެއެވެ.
"އެ މުވައްޒަފުންގެ ފަރާތުން މި ބަލި ފެތުރުނު ކަމަށް ތުހުމަތުކޮށް ހަބަރު ފަތުރާފައިވަނީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށް ދެކެން" އެ ބަޔާނުގައި ވެއެވެ.
އަދި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިއާޔަތް ނުކޮށް އެ ކޮމާންޑުގެ މުވައްޒަފުންގެ ބޮލުގައި އިލްޒާމް އަޅުވައި، އެކަމުގައި މުއައްސަސާ ބަދުނާމުކޮށް ހަބަރު ފެތުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް އޭވިއޭޝަން ކޮމާންޑުން ވަނީ ބުނެފައެވެ.