ސ. ގަމުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބޭއްވި ޓްރެއިނިންއަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް 7 މީހަކު ޕޮޒިޓިވްވެފައިވާ އިރު އެމީހުންނާއި ގިނަ ބަޔަކު ބައްދަލުވެފައިވާތީ އައްޑޫގައި ކޮމިއުނިޓީ ސްޕެރެޑެއް އޮތުމުގެ ބިރު އެބައޮތް ކަމަށް އައްޑޫގެ މޭޔަރަ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
ސޯބެ ވިދާޅުވީ ޓްރެއިނިންއަށް ދިޔަ މީހުންގެ ތެރެއިން އަލާމާތް ހުރެގެން ހިތަދޫ ފުލޫ ކްލިނިކަށް މިހާތަނަށް ދެއްކި 6 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ޓްރެއިނިންއަށް ދިޔަ 46 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރަމުން އަންނަ އިރު އަދިވެސް އިތުރު ބަޔަކު ބަލި ޖެހިފައި ތިބުން އެކަށީގެންވާ ކަމަށެވެ.
ސޯބެ ވިދާޅުވީ މިހާލަތުގައި ރައްޔިތުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއްގެ ގޮތުގައި ގޭގައި މަޑުކޮށް، ގެއިން ބޭރަށް ކޮންމެހެން ދާން ޖެހިއްޖެ ނަމަ އެޗްޕީއޭގެ ގައިޑުލައިން އާއި އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އެއްތަނަކަށް ގިނަ މީހުން އެއްވެ ނޫޅުމާއި، ކެފޭ ރެސްޓޯރެންޓު ފަދަ ތަންތަނަށް ދިއުން މަދު ކުރުމަށް ސޯބެ އިލްތިމާސް ކުރެއްވިއެވެ.
ސޯބެ ވިދާޅުވީ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތަށް އެއްބާރުލުންދީ، ބަލިން އަރައިގަތުމަށް ސިޓީގެ ހުރިހާ ރައްޔިތުން އެއް އަޒުމެއްގައި މަސައްކަތް ކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.
"މީގެ ކުރިންވެސް އައްޑޫ ރައްޔިތުން ވަނީ ރާއްޖޭގެ ރައްޔިތުންނަށް ނަމޫނާ ދައްކާފައި، މިއީ އަނެއްކާވެސް ހުރިހާ ރައްޔިތުން އެކުގައި މި ބަލިން ރައްކާތެރިވުމަށް މަސައްކަތް ކުރަންވީ ވަގުތު" ސޯބެ ވިދާޅުވިއެވެ.
ސޯބެ ވަނީ ރައްޔިތުން ހާސް ނުވެ ގޭގައި ތިއްބަވައި، އެޗްޕީއޭ އާއި ކައުންސިލުން އަންގާ ގޮތް ތަކަށް އަމަލު ކުރެެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެއްވެސް އަލާމާތެއް ފެންނަ ނަމަ ލަސް ނުކޮށް ރަށްރަށުގެ އެސްއެސްޑީތަކަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެދިވަޑައިގެންފައެވެ.
އަދި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ސައްހަ މައުލޫމާތު މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެމުންދާނެ ކަމަށެވެ.