Last Updated: November 24, 19:19
Sunday, November 24, 2024
ޚަބަރު ރިލްވާން

ރިލްވާން ގެއްލުވާލި މައްސަލަ: ވަޅީގެ މައުލޫމާތު ދޭ މީހަކަށް ފަސް ލައްކަ ރުފިޔާ

ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގައި ފެނުނު ވަޅީގެ މައުލޫމާތު ހޯދުމަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެ ވަޅިއަކީ 2014 އޮގަސްޓް ހަތް ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ރިލްވާން ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ 21 ނަމްބަރު ފްލެޓް ކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅިއެއް ކަމަށެވެ.

މަރުކޮމިޝަނުން އަާނމުކުރި ވަޅީގެ ފޮޓޯ–

މިވަޅިއާބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފގަރާތެއްވާނަމަ، އެ މައުލޫމާތެއް ކޮމިޝަނަށް ހިއްސާކޮށްދިނުމަށް މަރުތައް ތަހުގީގު ކުރާ ކޮމިޝަނުންވަނީ އެދިފައެވެ.

ކޮމިޝަންގެ އިއުލާނުގައި ބުނެފައިވަނީ، ވަޅިއާއި ގުޅޭގޮތުން ނުވަތަ ކޮމިޝަނުން ތަހުގީގުކުރަމުންދާ ރިލްވާންގެ މައްސަލައާއި ގުޅޭގޮތުން ސާބިތު ހިފޭވަރުގެ ސައްޚަ މައިލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 500،000ރ (ފަސް ލައްކަ ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން އަރުވާކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

ކޮޮމިޝަނުން ބުނެފައިވަނީ މައްސަލައިގެ މައުލޫމާތު ދިނުމަށް ބޭނުންވާ ފަރާތްތަކުން ކޮމިޝަނަށް ހާޒިރުވެ ނުވަތަ ކޮމިޝަންގެ ނަމްބަރު 7390841 ފޯނަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާކުރެވޭނެ ކަމަށެވެ. އަދި ހަމަ މި ނަމްބަރުން ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް އަދި ސިގްނަލް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާކުރެވޭނެ ގޮތަށް ހަމަޖެހިފައިވާކަމަށް އިއުލާނުގައި ބުނެފައިވެއެވެ.