ހުލޫމީދޫގައި ހުންނަ އެމްޓީސީސީ ސައިޓުން ކޮވިޑު-19 އަށް ގިނަ ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން އެ ދެ ރަށުން ނެގި ރެންޑަމް ސާމްޕަލް ތަކުން މިހާތަނަށް ޓެސްޓު ކުރެވުނު ނަތީޖާތައް ނެގެޓިވްވެފައިވާ ކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
އައްޑޫގެ ކޮވިޑު ހާލަތާއި ގުޅޭގޮތުން އައްޑޫލައިވްއަށް މައުލޫމާތު ދެއްވަމުން ސޯބެ ވިދާޅުވީ މިހާތަނަށް ހުޅުމީދޫން ރެންޑަމް ސާމްޕަލްގެ ގޮތުގައި 100 އަށް ވުރެ ގިނަ ފަރާތެއްގެ ސާމްޕަލް ނެގިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ބައެއްގެ ނަތީޖާ ލިބިފައިވާ އިރު އެ ހުރިހާ ނަތީޖާ ނެގެޓިވްވަފައިވާ ކަމަށެވެ.
ސޯބެ ވިދާޅުވީ އަދިވެސް ބައެއް މީހުންގެ ޓެސްޓުގެ ނަތީޖާ ނުލިބޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށެވެ. އަދި އެޗްޕީއޭގެ ގައިޑުލައިންތަކާއި އެއްްގޮތަށް އުޅުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެމްޓީސީސީ ސައިޓުން ކޮވިޑު-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 25 އަށް އަރާފައެވެ. އެމްޓީސީސީ ސައިޓުން ކޮވިޑު ކޭސްތަކެއް ފެނުމާއި ގުޅިގެން އެތަނުގައި މަސައްކަތް ކުރާ 56 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.
ކޮވިޑު ކޭސް ތަކެއް ފެނުމާއި ގުޅިގެން ހުޅުމީދޫ ވަނީ މޮނިޓަރިންނަށް ލެވިފައެވެ.