Last Updated: November 23, 13:49
Saturday, November 23, 2024
ޚަބަރު

އައްޑޫ ކައުންސިލްގެ ހަރު މުދަލުގެ އަގު ސައްހަކަން ކަށަވަރެއް ނޫން: އޮޑިޓް ރިޕޯޓު

އައްޑޫ ކައުންސިލްގެ މެންބަރުން ރައީސް ސޯލިހާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.

އައްޑޫ ސިޓީ ކައުންސިލްގެ ހަރު މުދަލުގެ ދަފްތަރު ގަވާއިދާއި އެއްގޮތަށް ބެލެހެއްޓިފައި ނުވާކަމަށާއި، މާލީ ބަޔާނުގައި ކައުންސިލްގެ ހަރު މުދަލުގެ ގޮތުގައި ހިމަނާފައިވާ އަދަދު ސައްހަ ނޫން ކަމަށް އައްޑޫ ކައުންސިލްގެ އޮޑިޓު ރިޕޯޓުގައި ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ 2018 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.03 ވަނަ މާއްދާގެ (ހ) ގައި ދައުލަތުގެ ބަޖެޓުގެ ކެޕިޓަލް ޚަރަދުގެ އައިޓަމްތަކުން ޚަރަދުކޮށްގެން ހޯދާ އެންމެހާ ތަކެއްޗާއި މަސައްކަތްތަކާއި، ބޭނުން ކުރުމަށް ލަފާ ކުރާ މުއްދަތު އެއް އަހަރަށްވުރެ ގިނަވާނަމަ އެތަކެތި ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމަނަން ޖެހެއެވެ.

އެގޮތުން މުދަލުގެ ފުރިހަމަ ނަމާއި، ތަފްސީލް، ބްރޭންޑު ނަން، އަދި ސީރިއަލް ނަންބަރު ހިމެނޭގޮތަށް މުދާ ހުރިތަނާއި، ގެނައި ތާރީހު އަދި މުދަލުގެ އަގު ހިނެނޭހެން ރަޖިސްޓްރީ ކުރަންޖެހެއެވެ.

ނަމަވެސް އޮޑިޓު ކުރުމަށް ނެގި ބައެއް ހަރު މުދަލުގެ އައިޑެންޓިފިކޭޝަން ނަންބަރު ނެތުމާއި، ސީރިއަލް ނަންބަރު އަދި މުދަލުގެ އަގާއި، ލިބުނު ތާރީހު ރަޖިސްޓްރީއަށް އަރުވާފައި ނުވާކަން ވަނީ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައެވެ.

އައްޑޫ ކައުންސިލްގެ މާލީ ބަޔާނުގައި ކައުންސިލްގެ ހަރު މުދަލުގެ އަގު ކަމަށް ހިމަނާފައިވާ 48،358،742 (ސާޅީ އަށް މިލިއަން ތިން ލައްކަ ފަންސާސް އަށް ހާސް ހަތް ސަތޭކަ ސާޅީސް ދެ ރުފިޔާ) އަކީ ސައްހަ އަދަދެއްކަން ކަށަވަރު ނުވާކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަ ކުރެއެއެވެ.

އަދި ކައުންސިލްގެ ހަރު މުދަލުގެ ގޮތުގައި ފެންނަން އޮތީ 42،855،560 (ސާޅީސް ދެ މިލިއަން އަށްލައްކަ ފަންސާސް ފަސްހާސް ފައްސަތޭކަ ފަސްދޮޅަސް ރުފިޔާ) ގެ މުދަލެވެ.

އޮޑިޓު ރިޕޯޓުގައިވާ ގޮތުން އައްޑޫ ކައުންސިލްގެ ހަރު މުދަލުގެ ތެރެއިން 5،503،182 ( ފަސް މިލިއަން ފަސްލައްކަ ތިން ހާސް އެއް ސަތޭކަ އަށްޑިހަ ދެ ރުފިޔާގެ) މުދާ ވަނީ މަދުކޮށެވެ.

އޮޑިޓު އޮފީހުން ވަނީ އައްޑޫ ކައުންސިލްގެ ހަރު މުދަލުގެ ރަޖިސްޓްރީ ގާނޫނާއި އެއްގޮތަށް ރެކޯޑުކޮށް ހަރު މުދަލުގެ ރަޖިސްޓްރީ ފުރިހަމައަށް ބެލެހެއްޓުމާއި އެކު ކައުންސިލް އިދާރާގައި ހުންނަން ޖެހޭ ތަކެތި ބަރާބަރަށް ހުރިތޯ އަހަރަކު އެއްފަަރު ބެލުމަށް ލަފާދީފައެވެ.