Last Updated: September 21, 05:54
Saturday, September 21, 2024
ޚަބަރު

އައްޑޫ ކައުންސިލްގެ ހަރު މުދަލުން 5.5 މިލިއަން ރުފިޔާގެ ތަކެތި މަދު: އޮޑިޓު ރިޕޯޓު

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ހަރު މުދަލުގެ ތެރެއިން 5.5 މިލިއަން ރުފިޔާގެ މުދާ ފެންނަން ނެތްކަމަށް އައްޑޫ ސިޓީ ކައުންސިލްގެ އޮޑުޓު ރިޕޯޓުގައި ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ 2018 ވަނަ އަަހަރުގެ އޮޑިޓޫ ރިޕޯޓުގައިވާ ގޮތުން އައްޑޫ ސިޓީ ކައުންސިލްގެ ހަރު މުދަލުގެ ގޮތުގައި ފެންނަން އޮތީ 42،855،560 (ސާޅީސް ދެ މިލިއަން އަށްލައްކަ ފަންސާސް ފަސްހާސް ފައްސަތޭކަ ފަސްދޮޅަސް ރުފިޔާ) ގެ މުދަލެވެ.

ނަމަވެސް ކައުންސިލްގެ މާލީ ރިޕޯޓުގައި ކައުންސިލްގެ ހަރު މުދަލުގެ އަގު ކަމަށް ހިމަނާފައިވާ 48،358،742 (ސާޅީ އަށް މިލިއަން ތިން ލައްކަ ފަންސާސް އަށް ހާސް ހަތް ސަތޭކަ ސާޅީސް ދެ ރުފިޔާ) އަކީ ސައްހަ އަދަދެއް ނޫންކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.

އޮޑިޓު ރިޕޯޓުގައިވާ ގޮތުން އައްޑޫ ކައުންސިލްގެ ހަރު މުދަލުގެ ތެރެއިން 5،503،182 ( ފަސް މިލިއަން ފަސްލައްކަ ތިން ހާސް އެއް ސަތޭކަ އަށްޑިހަ ދެ ރުފިޔާގެ) މުދާ ވަނީ މަދުކޮށެވެ.

އައްޑޫ ސިޓީ ކައުންސިލްގެ 2018 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.03 ވަނަ މާއްދާގެ (ހ) ގައި ދައުލަތުގެ ބަޖެޓުގެ ކެޕިޓަލް ޚަރަދުގެ އައިޓަމްތަކުން ޚަރަދުކޮށްގެން ހޯދާ އެންމެހާ ތަކެއްޗާއި މަސައްކަތްތަކާއި، ބޭނުން ކުރުމަށް ލަފާ ކުރާ މުއްދަތު އެއް އަހަރަށްވުރެ ގިނަވާނަމަ އެތަކެތި ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމަނަން ޖެހެއެވެ.

އެގޮތުން މުދަލުގެ ފުރިހަމަ ނަމާއި، ތަފްސީލް، ބްރޭންޑު ނަން، އަދި ސީރިއަލް ނަންބަރު ހިމެނޭގޮތަށް މުދާ ހުރިތަނާއި، ގެނައި ތާރީހު އަދި މުދަލުގެ އަގު ހިނެނޭހެން ރަޖިސްޓްރީ ކުރަންޖެހެއެވެ.

ނަމަވެސް އޮޑިޓު ކުރުމަށް ނެގި ބައެއް ހަރު މުދަލުގެ އައިޑެންޓިފިކޭޝަން ނަންބަރު ނެތުމާއި، ސީރިއަލް ނަންބަރު އަދި މުދަލުގެ އަގާއި، ލިބުނު ތާރީހު ރަޖިސްޓްރީއަށް އަރުވާފައި ނުވާކަން ވަނީ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައެވެ.

އޮޑިޓު އޮފީހުން ވަނީ އައްޑޫ ކައުންސިލްގެ ހަރު މުދަލުގެ ރަޖިސްޓްރީ ގާނޫނާއި އެއްގޮތަށް ރެކޯޑުކޮށް ހަރު މުދަލުގެ ރަޖިސްޓްރީ ފުރިހަމައަށް ބެލެހެއްޓުމާއި އެކު ކައުންސިލް އިދާރާގައި ހުންނަން ޖެހޭ ތަކެތި ބަރާބަރަށް ހުރިތޯ އަހަރަކު އެއްފަަރު ބެލުމަށް ލަފާދީފައެވެ.