Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

އައްޑޫގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އަންގައިފި

އައްޑޫގެ މިސްކިތެއްގައި ބަޔަކު ހުޠުބާ އަޑުއަހަނީ، ފޮޓޯ: އިބްރާހިމް އަބްދުﷲ

އައްޑޫ ސިޓީގައި ކޮވިޑު-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެެދު ކަނޑާލުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައްޑު މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާތީ އާއި ހާލަތު އިތުރަަށް ގޯސްވަމުންދާ ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއްވާފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ މި މަހުގެ 17 ވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް އައްޑުގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް ނުހެދުމަށް އަންގާ ކަމަށެވެ.

މިޙާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހުގައި ދިވެހިބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

އަދި މި ދަނޑިވަޅުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ވެސް އެ މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.

ސ. ގަމުގައި ބޭއްވި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޓްރެއިނިންއަށް ދިޔަ މީހުންނާއި ގުޅުން ހުރި ކްލަސްޓަރ (އޭވިއޭޝަން ކްލަސްޓަރ) އިން މިއަދުވެސް އިތުރު ހަތަރު މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެ ކްލަސްޓާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 22 އަށް އަރާފައެވެ.

މި ކްލަސްޓަރ އާއި ގިނަ ބަޔަކު ކޮންޓެކްޓު ވެފައިވާ އިރު މިހާރުވެސް ކޮންޓެކްޓުވި އަދަދު 100 އަށް ވުރެ އިތުރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.