ބޮލީވުޑްގައި މިހާތަނަށް އުފައްދާ އެންމެ އަގު ބޮޑު ފިލްމަކީ ކަރަން ޖޯހަރުފެ ދަރްމާ އިން ޕްރޮޑިއުސް ކުރާ "ޝުއްދީ" ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ކަރީނާ ކަޕޫރާއި ރިތިކް ރޯޝަން ލީޑް ރޯލް ކުޅޭ މި ފިލްމްގެ ބަޖެޓަކީ 150 ކްރޯޑް ރުޕީސް ކަމަށްވެ އެވެ.
މި ފިލްމް ޑައިރެކްޓް ކުރަނީ ރިތިކް އާ އެކު "އަގުނީޕަތު" 2012 ވަނަ އަހަރު ގެނެސް ދިން ކަރަން މަލްއުތުރާ އެވެ.
މީގެ ކުރިން އެންމެ އަގު ފިލްމްގެ ރެކޯޑް އޮތީ 2009 ވަނަ އަހަރު ރިލީޒްވި އެންތަނީ ޑި ސޫޒާގެ "ބްލޫ" ގެ އަތުގަ އެވެ.
ކަނޑު އަޑީގައި ގިނަ މަންޒަރުތައް ނަގައި އަކްޝޭ ކުމާރާއި ސަންޖޭ ދަތު، ލާރާ ދައްްތާ އަދި ޒައިދް ހާން މުހިއްމު ރޯލްތަކުން ފެނިގެން ދިޔަ އެ ފިލްމްގެ ބަޖެޓަކީ 100 ކްރޯޑް ރުޕީސް އެވެ. އެކަމަކު އެއީ ބޮޑު ފްލޮޕެކެވެ.
މަޝްހޫރު ވާހަކަ ލިއުންތެރިޔާ އަމިޝް ތްރިޕަތީގެ ޓްރިލޮޖީ "އިމޯޓަލްސް އޮފް މެލުހާ" ގެ މައްޗަށް ބިނާކޮށް އުފައްދާ "ޝުއްދީ" ގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ ބޯޕާލްގަ އެވެ.
އެގޮތުން ޕްރޮޑިއުސަރު ކަރަން އާއި ޑައިރެކްޓަރު ކަރަން ވަނީ ބޯޕާލްގައި ފިލްމް ޝޫޓް ކުރާނެ ބައެެއް މަންްޒަރުތައް ވެސް ބަލައިފަ އެވެ. ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ދެހާސް އެއް ވަނަ އަހަރު ރިލީޒްވި "ކަބީ ހުޝީ ކަބީ ޢަމް" އަށް ފަހު ކަރީނާ އާއި ރިތިކް އެކުގައި ކުޅޭ ފުރަތަމަ ފިލްމް "ޝުއްދީ" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ދިވާލީގަ އެވެ.