ޖިންސީ ގޯނާގެ ދައުވާ އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސް ޕޯޓު ހިފެހެއްޓުމަށް ކޯޓުން ކުރި އަމުރު ބާޠިލް ކުރުމާއި އެކު އޭނާ ރާއްޖެ ދޫކޮށް ފިލައިފިއެވެ.
އަލީ ވަހީދު ރާއްޖެ ދޫކޮށް ފުރާފައިވަނީ އިއްޔެ ހަވީރު ޓާކިޝް އެއާލައިނުގައި ލަންޑަނަށެވެ.
އަލީ ވަހީދުގެ މަގާމުން ވަކި ކުރެވުނީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާތަކެއް ލިބުނު މައްސަލައެއް ހުށައެޅުމުން އެކަމާއި ގުޅިގެންނެވެ. އެގޮތުން ހަތް މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުށައަޅާފައެވެ.
މި މައްސަލާގައި ވަނީ 15 މީހުންގެ ބަޔާން ހުށައަޅައި އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕަކާއި ޕާސްޕޯޓު ވެސް ވަނީ ދައުލަތުން ހިފަހައްޓައިފައެވެ. އަދި މި މައްސަލައިގައި އަލީ ވަހީދުވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު ފުލުހަށް ވެސް ވަނީ ހާޒިރުކޮށްފައެވެ.
އަލީވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް:
-ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ
-ޖިންސީ ކުށުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ
-ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
-ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ
-ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ
-ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ.
އިއްޔެ ބޭއްވި ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައި އަލީ ވަހީދު ވަނީ އޭނާގެ ޑޮކްޓަރު ހާޒިރުކޮށް އޭނާގެ ސިއްހީ ހާލަތު ހުރިގޮތް ކިޔާދީފައެވެ. އެގޮތުން އޭނާގެ މައި ބަދައިގެ ޑިސްކްތަކެއް ގުޑާފައިވާ ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ.
އަލީ ވަހީދު ވަނީ އެނާގެ މައްޗަށް ކުރެވިފައިވާ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފައެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ އަލީ ވަހީދުގެ ޝަރީއަތް ކުރިއަށް ގެންދަނީ ނޫސްވެރިންނާއި އާއްމުން ނުވައްދައި ސިއްރުންނެވެ.