ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ މެމްބަރު މިސްބާހު އައްބާސް އާއި، ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަލީ ނަޒީރު ތަލިބާނުންގެ ޓްރެއިނިން ހަދާފައިވޭތޯ ބެލުމަށް ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކަށް ލިޔުމަށް ރައިޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖްލިސްގެ އަމީން އާއްމަށް އަންގައިފިއެވެ.
ނަޝީދު މިފަދައިން އެންގީ ނައިފަރު ދާއިރާގެ މެމްބަރު މިއަދުގެ މަޖްލީހުގެ ޖަލްސާގައި މަރު ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް އާއި ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަލީ ނަޒީރު ތަލިބާނުންގެ ޓްރެއިނިން ހަދާފައިވޭތޯ ބެލުމަށް އެ ދެބޭފުޅުންގެ ހިސްޓްރީ ބެލުމަށް ގޮވާލުމާއި ގުޅިގެންނެވެ.
ޝިޔާމް ވިދާޅުވީ މަރު ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް އާއި އެންޓި ޓެރަރިޒަމް ބޯޑުގައިވެސް ހުންނަވާ ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަލީ ނަޒީރުގެ މި ދެބޭފުޅުންގެ ބެކްގްރައުންޑު ބަލަން ޖެހޭ ކަމަށެވެ.
ޝިޔާމްގެ ވާހަކަ ތަކާއި ގުޅިގެން ނަޝީދު ވިދާޅުވީ މިސްބާހު އާއި އަލީ ނަޒީރާއި ގުޅޭގޮތުން ޝިޔާމް ދެއްވީ މުހިއްމު މައުލޫމާތެއް ކަމަށާއި، އެކަން މަޖްލިސްއިން އިތުރަށް ބަލަން ޖެހޭކަމަށެވެ. އަދި އެކަން ބެލުމަށް މަޖްލިސްގެ އަމީން އާއްމަށް ނަޝީދު ވަނީ އަންގަވާފައެވެ.