މުޅި ދިވެހި ރާއްޖޭގެ ޖުމްލަ ތަބިއްޔަތު މިސްރާބް ޖަހައިފައި ވަނީ ރާއްޖެ ބަދަލުކޮށް، ޑިމޮކްރެސީ އާއި ދިމާއަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ރޭ މާލޭގައި ބޭއްވި "އެއްބުރުން" ޖަލްސާގައި ނަޝީދު ވިދާޅުވީ އިދިކޮޅު ވާދަވެރިން ބޭނުން ވަނީ އެ މަނިކުފާނު ދިގު މުއްދަތަކަށް ޖަލަށް ލައި ސިޔާސީ ވާދަވެރިން ހައްޔަރުކޮށް، ރިޔާސީ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށް ސިފައިންނާއި ފުލުހުންނަށް ވެރިކަން ދިނުމަށް ކަމަށެވެ.
ނަޝީދު ވިދާޅުވީ އެ ބޭފުޅުން ރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމް ގާއިމްކޮށް، ރައްޔިތުންނަށް ވޯޓު ދިނުމުގެ ހައްގު ދިނުމަށް ނޭދޭކަަމަށެވެ. އެބޭފުޅުންގެ އަމާޒަކީ އަބަދުވެސް ހުދުމުހުތާރު ވެރިކަމެއް ގާއިމްކުރުން ކަމަށެވެ.
އެމްޑީޕީން ނިކުމެ ތިބީ ރާއްޖެ ތަރައްގީކޮށް، މިއަދު ލިބޭ އެއްޗަކަށް ވުރެ އިތުރަށް މާދަމާ ހޯދައި ދިނުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަދި ވޯޓު ލާނެ ތާރީޚެއް ލިބުމަކީ އެމްޑީޕީ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރީ މުއްދަތެއް ނުލިބޭނެ ފަދަ ގޮތަކަށް ވޯޓުލުން ފަސް ކުރުމަށް ކަމަށް ވިދާޅުވި އެވެ.
ރާއްޖެ ތަރައްގީވެގެން އަންނާނީ އެ ރައްޔިތުންގެ ބައިވެރިވުމާއެކީކަން މިއަދު އޮޅުން ފިލައިފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. 2008 ވަނަ އަހަރު 44000 ވޯޓު، 2009 ވަނަ އަހަރު 55000 ވޯޓު، 2011 ވަނަ އަހަރު 67000 ވޯޓު އަދި 2013 ވަނަ އަހަރު 95000 ރައްޔިތުން އެމްޑީޕީ އަށް ވޯޓު ދިންކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ ދިވެހި ރާއްޖޭގެ ރައްޔިތުން އަމާޒު ހިފައިގެން ތިބީ ރަން ރީނދޫ ފަހަރަކަށް ކަމަށެވެ.
ފުރަތަމަ ވެސް ނިކުތީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރަން ކަމަށާއި، އެ ގޮތަށް އެދުނީ ވަޒީރުންގެ މަޖިލީސް ބަހައިލުމަށް ނޭދޭތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ވަޒީރުންގެ މަޖިލީސް ބަހައިލައިގެން ވެރިކަން ކުރުމަށް ބޭނުން ނުވާތީ އިއްތިހާދު ނުވީކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ. ސުޕްރީމް ކޯޓު އިއްވައިފައިވާ ހުކުމަކީ ތަސްމީނާއި ޑީއާރްޕީ އެމްޑީޕީ ކޮޅުގައި ތިބެގެން އިންތިޚާބު ބޭއްވުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.