އިންސާނާ ދުނިޔެއަށް އައިއްސުރެއްވެސް މިއުޒިކަކީ އިންސާނުންގެ ތޮބީއަތުގެ ބައެއްކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ، މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއިއެކު މިއުޒިކް އަޑުއަހާލާ އެކުވެރިންނާއި ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލާ އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ގާއިމްކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ގަރާރާއި ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސްގެ މަގާމުވެސް ފުރުއްވާ ހިސާން ވިދާޅުވީ، މިއަދު ދައްކާ ވާހަކައަކީ ސަގާފަތާއި އެކު ދިވެހިންނަށް ދިވެހިންގެ ގޮތުގައި މުޖުތަމައުގައި އުޅުމަށް ފުރުސަތު ހޯދައިދޭންޖެހޭ ވާހަކަ ކަމަށެވެ.
ހިސާން ވިދާޅުވީ އިންސާނާ ދުނިޔެއަށް އައިއްސުރެއް މިއުޒިކަކީ އިންސާނުންގެ ތޮބީއަތުގެ ބައެއްކަމަށެވެ.
"ވަށައިގެން އިވޭ އަޑުތަކާ، އަޑުތައް އެމީހުންނަށް ލައްވަން ދަސްވީސްސުރެއް މިއުޒިކް މިވަނީ މީހުންގެ ޒަމީރުތަކާ ގުޅިލާމެހިފައި. މިއުޒިކާ އިންސާނާއާ މިއަދު ވަކިކުރާނީ ކިހިނެއްތޯ އަޅުގަނޑުމެން؟" ހިސާން ވިދާޅުވިއެވެ.
މީގެ އިތުރުން ހިސާން ވިދާޅުވީ، ހަރާމް ކަންތައްތަކާއި ހަލާލު ކަންތައްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ނޫން ކަމަށް ބުނާ ވާހަކައަކީ ތެދެއް ކަމަށާއި، ހަމަ އެގޮތަށް ހަރާމް ކަންތައްތަކާއި ހަލާލު ކަންތައްތައް ކަނޑައަޅާނީ ވައިބާ ގުރޫޕަކުން ވެސް ނޫން ކަމަށެވެ.
އަދި މި ދިވެހި މުޖުތަމައުގައި "ދިރިހުންނާނީ ކާކުތޯ އާއި، ކަރު ބުރިކޮށްލާނީ ކާކުގެތޯ ކަނޑައަޅާނީ ތޯރާބޯރާ އިން ފޮނުވާފައި ހުންނަ އަމީރެއް ވެސް ނޫން" ކަމަށް ހިސާން ވިދާޅިވިއެވެ. އަދި ވިދާޅުވީ، މިއީ ދިވެހި ދައުލަތް ކަމަށާއި، މި ދައުލަތް ވަނީ އިޖުރާއަތުތަކެއްގެ ތެރެއިން އިންތިޒާމު ކުރެވިފައި ކަމަށެވެ