ރޭޕް ކުރަން އުޅުމުގެ ދައުވާ ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަސް ދިއުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދިނުމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ތެރެއިން ހިނގަމުން އައިކަންކަމުގެ ތެރެއިން މިއަދު ބަދަލުވެފައި އޮތީ ކޮންކަމެއްތޯ ސުވާލު އުފައްދަވާފައެވެ.
ޑރ. ޖަމީލް ތުހުމަތު ކުރެއްވި ގޮތުގައި ރައީސް ސޯލިހާއި ގާތް ބޭފުޅުންނަށް "ބޭނުން ގޮތެއް" އަންނަނީ ހަދަމުންނެވެ. އެހެންނަމަވެސް ޑޮކްޓަރ ލަފާދިނުމުންވެސް ރައީސް ޔާމީނަށް ހަމަ އޮންނަވަންޖެހެނީ ޖަލުގައި ކަމަށް ޖަމީލް ވިދާޅުވިއެވެ.
"މިއީތޯ ތާހިރު އިންސާފަކީ؟" ޑރ. ޖަމީލްގެ ޓްވީޓްގައިވެއެވެ.
އިންޞާފްގެ ވާހަކައިން @ibusolih އަށް ދަންނަވަން: ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުވެ ކުރީގައި އޮތް ސިޔާސީ ނުފޫޒުން މިނިވަންވީ ކޮންކަމެއްތޯ؟ ހެޔޮ ނަތީޖާގެ ގޮތުގައި ގާތް ކޮންމެމީހަކަށް ބަޭނުންގޮތެއް. އެކަމަކު ޑރ ލަފާދިނަސް ރ ޔާމީން ޖަލުގައި. މިއީތޯ ތާހިރު އިންސާފަކީ؟ pic.twitter.com/RxzVbrpfSm
— Mohamed Jameel Ahmed (@MJameelAhmed) February 11, 2021
ޖިންސީ ގޯނާގެ ދައުވާ އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި އަލީ ވަހީދު ވަނީ އޭނާގެ ޑޮކްޓަރު ހާޒިރުކޮށް އޭނާގެ ސިއްހީ ހާލަތު ހުރިގޮތް ކިޔާދީފައެވެ. އެގޮތުން އޭނާގެ މައި ބަދައިގެ ޑިސްކްތަކެއް ގުޑާފައިވާ ކަމަށް ޑޮކްޓަރު ވަނީ ބުނެފައިވާކަމަށް އަލީ ވަހީދު ބުނެފައެވެ. އެހެންކަމުން އަލީ ވަހީދުގެ ޕާސް ޕޯޓު ހިފެހެއްޓުމަށް ކޯޓުން ކުރި އަމުރު ވަނީ ބާޠިލް ކޮށްފައެވެ.