Last Updated: April 22, 11:53
Tuesday, April 22, 2025
ޚަބަރު

ހުޅުދޫއަށް ވާދަކުރި ސީނު ވެސް ނަން އަނބުރާ ގެންގޮސްފި

ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ހުޅުދޫއަށް ވާދަކުރާ މުހައްމަދު ޔާސީނު (ސީނު) ނަން އަނބުރާ ގެންގޮސްފިއެވެ.

ސީނު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހުޅުދޫ ދާއިރާއަށް ކުރިމަތިލާން ނިންމީ ހުޅުދޫގެ އިޖްތިމާއީ ފޭރާން ރަނގަޅުކޮށް، ކައުންސިލްގެ ތެރެއިން މަސައްކަތްކޮށް ހުޅުދޫއަށް ބޭނުންވާ ސަމާލުކަން ހޯދައިދީ، ހުޅުދޫގެ ފަނޑުވެފައިވާ އަޑުގަދަކޮށް ހުޅުދޫ ރައްޔިތުންްނަށް ހައްގު މިންވަރު ހޯދައިދިނުމަާއި އެކު ހުޅުދޫގެ ހާލަތު ބަދަލު ކުރުމުގެ ފޮނި އުއްމީދުގައި ކަމަށެވެ.

ނަމަވެސް ފާއިތުއިރު ފެބްރުއަރީ މަހުން ފެށިގެން ކޮވިޑުގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ކުރިމަތިވެ، ލޯކަލް ކައުންސިލް އިންތިހާބު ވަނީ އަހަރަކަށް ވުރެ ބޮޑަށް ލަސްވެފައެވެ. އަދި މި ދަނޑިވަޅުގައި ދުނިޔޭގެ ހިނގުން މަޑު ޖެހި ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

އެހެންވެ އިންތިހާބަށް ކުރިމަތިލުމުން އެކަމަށް ތާއިދުކުރި މީހުންގެ މަޝްވަރާގެ މަތިން ނަން އަނބުރާ ގެންދިއުމަށް ނިންމާފައިވާ ކަށެވެ. އަދި ނަން އަނބުރާ ގެންދިޔަ ނަމަވެސް ހުޅުދޫގެ ރައްޔިތުންނަށް ހިދްމަތް އެހެން ދާއިރާއަކުން ހޯދައި ހިދްމަތް ކުރުމުގައި ދެމިހުންނާނެކަމަށެވެ.

ސީނު ނަން އަނބުރާ ގެންދިޔަ އިރު އިއްޔެ ޕީޕީއެމް ޓިކެޓުގައި ހުޅުދޫ ދާއިރާއަށް ކުރިމަތިލެއްވި މޫސާ ބުޝްރީވެސް ވަނީ އިންތިހާބު ލަސްވުމާއި ގުޅިގެން މިނިވަން ވާދަވެރި އިންތިހާބެއްގެ ފުރުސަތު ލިބިދާނެކަމަށް ގަބޫލް ނުކުރެވޭކަމަށް ވިދާޅުވެ ނަން އަނބުރާ ގެންގޮސްފައެވެ.

ސީނު އާއި މޫސާ ބުޝްރީ ނަން އަނބުރާ ގެންދިއުމުން އެ ދާއިރާއަށް ދެްނ ވާދަކުރާނީ އެމްޑީޕީ ކެންޑިޑޭޓު ފައިޒުއް ރަހްމާން އާއި މިނިވަން ކެންޑިޑޭޓު އައްބާސް ވާފިރެވެ.