އައްޑޫ ސިޓީ ގައި ނުފުރި ތާށިވެފައިތިބި ފުވައްމުލަކު މީހުންގެ ތެރެއިން 62 މީހަކު މިއަދު ފުވައްމުލަކަށް ގެންގޮސް ހޯމް ކަރަންޓީނު ކުރުމުގެ މަސައްކަތް ފުވައްމުލަކު ކައުންސިލުން ފަށައިފިއެވެ.
ފުވައްމުލަކު ކައުންސިލުން ބުނީ އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލުމާއި ގުޅިގެން ފުވައްމުލަކަށް އެބުރި ނާދެވިފައި ތިބި ފުވައްމުލަކު ރައްޔިތުން މިއަދު ރިލެކްސް ފެރީ އަދި ސަދަން ޓްރާސްޕޯޓު ލިންކުގެ ލޯންޗުގައި ފުވައްމުލަކަށް ގެނެސް ކަަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން 21 މީހަކު ސަދަން ޓްރާންސްޕޯޓުގެ ލޯންޗުން ފުވައްމުލަކަށް ގެންދިޔަ އިރު 41 ފަރާތެއް ވަނީ ރިލެކްސް ފެރީގައި ފުވައްމުލަކަށް ގެންގޮސްފައެވެ.
ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސް ކޮންފަރެންސުގައި ފުވައްމުލަކު ކައުންސިލުން ބުނީ އައްޑޫ މޮނީޓަރިންގެ ހާލަތަށް ގެނެވުނު އިރު ފުވައްމުލަކުގެ 71 ރައްޔިތަކު އައްޑޫގައި ތިބިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި އެ ފަރާތްތައް އަނބުރާ ރަށަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން އެޗްޕީއޭގެ ހުއްދަ ލިބުމާއެކު އެ ފަރާތްތައް އަނބުރާ ރަށަށް ގެނެސް ހޯމް ކަރަންޓީނު ކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް ރޭ ފުވައްމުލަކު ކައުންސިލުން ވަނީ ބުނެފައެވެ.
ފުވައްމުލަކުން އެންމެ ފުރަތަމަ ކޮވިޑަށް މީހަކު ޕޮޒިޓިވް ވެފައިވަނީ މިދިޔަ އާދީއްތަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންނެވެ. އެމީހާ އަކީ ދުބާއީ އިން އައިސް ފުވައްމުލަކުގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑަށް ޕޮޒިޓިވްވި ފަރާތަކާއި ކޮންޓެކްޓްވި ފަރާތެއް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެއެވެ.
ފުވައްމުލަކުން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 14 އަށް އިތުރުވެފައެވެ.