މި އަހަރުގެ އަޟްހާ ޢީދު ބަންދާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައިގެން ދަތުރު ކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފި އެވެ.
އެގޮތުން ދަތުރުވެރިން ދަތުރު ކުރާ އުޅަނދުފަހަރަކީ ދަތުރު ކުރުމަށް ސަލާމަތްތެރި އަދި ރައްކާތެރި އުޅަނދެއްތޯ ބެލުމަށް ފަހު ދަތުރުފެއްޓުމާއި ދަތުރު ކުރާ އުޅަނދުގައި ހަމައަށް ލައިފްޖެކެޓް، ދިޔަ ހިއްކާނެ ޕަންޕް، މުވާސަލާތީ ސެޓް، ހުރީ ބޭނުން ކުރެވޭ ފަދަ ހާލަތުގައިތޯ ބެއްލެވުމަށް އުޅަނދުފަހަރުގެ ނެވިންނަށް ކޯސްޓް ގާޑުން އިލްތިމާސް ކުރެ އެވެ.
މީގެ އިތުރުން ހުއްދަ ދެވިފައިވާ ވަރަށް ދަތުރުވެރިން އުފުލުމާއި ދަތުރު ކުރާ މީހުންގެ ތަފްޞީލާއި އަދަދު އަދި މި ނޫނަސް ކަނޑު ދަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ އެންމެހާ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ނެވިން ސަމާލުކަން ދެއްވުމަށް ކޯސްޓް ގާޑުން އެދެ އެވެ.
އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުން އުޅަނދުފަހަރު ކޯސްޓްގާޑުން ބަލައި ޗެކް ކުރަމުން ގެންދާ ކަމަށާއި ނެވިން މި ކަމަށް ވެސް ސަމާލުވުމާއި އުޅަނދުފަހަރުގެ ނެވިންގެ ފަރާތުން މި ކަމަށް އެއްބާރުލުން ދިނުމަކީ ކޯސްޓްގާޑުން ވަރަށް ބޮޑު އެދެ އެވެ.