ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ކޮށްފައިވާ ޖިހާދު ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާ ކްރިމިނަލް ކޯޓުން އަމުރު ނެރުމުން ހައިކޯޓުން ވަނީ އެ އަމުރު ބާތިލުކޮށްފައެވެ.
ހައިކޯޓުން ޖިހާދުގެ ޕާސްޕޯޓް ދޫކުރުމަށް އަމުރުކުރުމުން ދައުލަތުންވަނީ އެކަން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އަދި އެ މައްސަލައިގައި އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ވަނީ މިރޭ 19:00 އަށް ތާވަލުކޮށްފައެވެ.
ސުޕްރީމް ކޯޓުން މައްސަލައިގައި ގޮތް ކަނޑައަޅަންދެން، ޖިހާދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ވަގުތީ އަމުރަކަށް ޕީޖީން އެދިފައި އޮތުމުން ސުޕްރީމް ކޯޓުން ވަނީ އެ އަމުރު ނެރެދީފައެވެ.
ސުޕްރީމް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ ޖިހާދު ރާއްޖެއިން ފުރައިގެން ގޮސްފި ނަމަ އަނބުރާ ރާއްޖެ ނައުމުގެ އިހްތިމާލް އޮތްކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ކަމަށާއި އަދި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ފުރުން މަނާކުރުމުގެ އަމުރެއް ނުނެރެފިނަމަ، އެ އަމުރު ނެރެފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅާ ހާލަތުގައި، އޭގެ ބާރުވެރިކަން ނުހިނގާ ފަދަ ހާލަތެއް ކުރިމަތިވުމުގެ އިހްތިމާލު އޮތް ކަމަށެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގައި އޮތް އިސްތިއުނާފު މައްސަލަ ނިމެންދެން، ނުވަތަ ސުޕްރީމް ކޯޓުން ވަކިގޮތަކަށް އަންގަންދެން ޖިހާދުގެ ޕާސްޕޯޓު ވަގުތީގޮތުން ހިފަހައްޓަން ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ޖިހާދުގެ މައްޗަށް އުފުލާ ދައުވާގެ ތަފްސީލު:
މި މައްސަލައަކީ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން ތަހްޤީޤު ކުރުމަށްފަހު، ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވާ މައްސަލައެކެވެ.
މި މައްސަލައާއި ގުޅޭގޮތުން މީގެ ކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ، ނޭޝަނަލް ޕްލޭނިން ކައުންސިލުގެ ލަފާގެ މަތިން ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ސަރުކާރުގެ 50 އިންސައްތަ ހިއްސާވާގޮތަށް ޖޮއިންޓް ވެންޗާ އެގްރީމަންޓެއް ހެދުމަށް 22 ނޮވެންބަރު 2011 ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށާއި، މިނިންމުމުގައި އޮތީ، މި މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަންނުޖެހޭ ގޮތަށާއި، މިމަޝްރޫއުގެތެރެއިން، ބިމު ކުލި ދައުލަތަށް ލިބެންޖެހޭ ގޮތަށްކަމަށް ޕީޖީއިން މައުލޫމާތުދޭފައިވެ އެވެ.
އެހެންނަމަވެސް ޖިހާދު ފިނޭންސް މިނިސްޓަރުގެ މަޤާމުގައި ހުރެ، ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ކަނޑައެޅިގެން ހިލާފަށް، އެކަން އެގޮތަށް ކުރަންޖެހިދާނެ އެއްވެސް ސަބަބެއް ނެތި، 13 ޖަނަވަރީ 2013 ދުވަހު ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް 50 އިންސައްތައިގެ ބަދަލުގައި، ދިވެހި ދައުލަތުގެ 25 އިންސައްތަ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓަޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
އަދި ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 604,713,750 ޑޮލަރު އުނިވެފައިވާކަމަށް ޕީޖީން ބުނެ އެވެ. އަދި އޭގެ އިތުރުން، ދައުލަތުގެ 50 އިންސައްތަ ހިއްސާގެ ބަދަލުގައި 25 އިންސައްތައަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާއިން ލިބޭނެ ގެއްލުންވެސް އޮންނާނެ ކަމަށް ޕީޖީން ބުނެފައިވެ އެވެ.
މިމައްސަލަ އޭސީސީއަށް ހުށަހެޅުނު ނަމަވެސް 2016 ފެބްރުއަރީ 16 ވަނަ ދުވަހު އޭސީސީން ނިންމާފައިވަނީ އެ ކަމުގައި ކޮރަޕްޝަން އެކުލެވިގެންނުވާކަމަށެވެ. އެހެން ނަމަވެސް އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައި އޮތުމުގެ ފުރުސަތު އޮތުމުން އެ މައްސަލަވަކި މައްސަލައެއްގެ ގޮތުގައި ބެލުމަށް އެސެޓް ރިކަވަރީ ކޮމިޝަނަށް ޕީޖީން ވަނީ އަންގާފަ އެވެ.