ފުވައްމުލަކުގައި އިއްޔެ މެންދުރެއްހާ އިރު ދެސައިކަލްޖެހި ހިނގި އެކްސިޑެންޓެއްްގައި ޒަޚަމްވި ޒުވާނަކު އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާ އެކު ކުރަނގި ހެލިކޮޕްޓަރުގައި ސ. ގަމަށް ރޭ ގެންގޮސް ދީފި އެވެ.
މި އެކްސިޑެންޓްގައި ޒަޚަމްވި ފުވައްމުލަކު ކަނޑީގޭ އުމުރުން 18 އަހަރުގެ ފާތިން ޢަލީ ސަދަން އޭރިއާގެ އެހީތެރިކަމާ އެކު ގަމަށް ގެންގޮސް ދީފައިވާ އިރު، މި އެކްސިޑެންޓްގައި އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލާ ޙަވާލާދީ ސަދަން އޭރިއާ އިން ބުންޏެވެ.
އޭނާ ފުވައްމުލަކުން ގަމަށް ގެންދެވިފައި ވަނީ ބޭނުންވާ ފަރުވާ ފުވައްމުލަކު ހޮސްޕިޓަލުން ލިބެން ނެތުމުގެ ސަބަބުން، އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރި ކަމަށް އެދުމާ ގުޅިގެންނެވެ.
މި އެކްސިޑެންޓްގައި ޒަޚަމްވި ޒުވާނާ ރޭ 7:00 ޖަހާކަންހާ އިރު، ކުރަނގި ހެލިކޮޕްޓަރުގައި ފުވައްމުލަކުން ގަމަށް ގެންގޮސް ދީފައިވާ އިރު މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަަށް ގެންދެވި ފަރުވާދޭން ފަށާފައިވާ ކަމަށް ވެސް ސަދަން އޭރިއާ އިން ބުންޏެވެ.
އެނގިފައިވާ ގޮތުގައި ފާތިން މިއަދުގެ ވަގުތެއްގައި މާލެ ފޮނުވާލަން ވަނީ ހަމަޖެހިފަ އެވެ.