ދާދި ފަހުން ރަންބީރު ކަޕޫރާއި ކެޓްރީނާ ކެއިފް ސްޕެއިންގެ ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް އާންމުވި ފޮޓޯތަކާ ގުޅިގެން އެ ދެ ތަރިންގެ މެދުގައި ހާއްސަ ގުޅުމެއް އުފެދިފައިވާކަން ކަށަވަރުވެފައި ވަނިކޮށް، އަންނަ އަހަރު އެ ދެ މީހުން ކައިވެނި ކުރަން އުޅޭ ކަމަށް އަަޑު ފެތުރިއްޖެ އެވެ.
މީޑިއާ ރިޕޯޓްްތައް ބުނާ ގޮތުގައި ޒުވާން ދެ ލޯބިވެރިން އަދި ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ދެ ތަރިންގެ ތެރޭގައި ހިމެނޭ ކެޓްރީނާ އާއި ރަންބީރު ކައިވެނި ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
މި ދެ މީހުންގެ ގުޅުމާ ބެހޭ ގޮތުން މިހާތަނަށް މީޑިއާގައި އެކި ގޮތްގޮތަށް އަޑު ފެތުރުނު ނަމަވެސް ރައްޓެހިވެގެން އުޅޭކަން ހާމަ ކުރަން ވަނީ އިންކާރުކޮށްފަ އެވެ.
އެހެން ނަމަވެސް ދާދި ފަހުން ރަންބީރު ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ ކެޓްރީނާ އޭނާ އަށް ވަރަށް "ހާއްސަ" ކަމަށެވެ.
ދެ ތަރިންގެ ކައިވެނީގެ އަޑުތައް ގަދަވެފައި ވަނިކޮށް ޖޫން މަހަށް ތައްޔާރުވުމުގެ ގޮތުން ދެ ތަރިން ވެސް ވަނީ އެއްވެސް ފިލްމެއްގައި އެ ދުވަސްވަރާ ދިމާކޮށް މަސައްކަތް ނުކުރަން ނިންމައިފަ އެވެ.
މީގެ އިތުރުން ރަންބީރާއި އޭނާގެ "ބަރްފީ" ގެ ޑައިރެކްޓަރު އަނޫރާގް ބާސޫ ގުޅިގެން އުފައްދާފައިވާ ޕްރޮޑަކްޝަން ހައުސް ޕިކްޗަ ޝްރޫ ޕްރޮޑަކްޝަންގެ ފުރަތަމަ ފިލްމް "ޖައްގާ ޖާސޫސް" ގެ ޝޫޓިން ވެސް ވީހާ ވެސް އަވަހަކަށް ނިންމާލަން ރަންބީރު ވަނީ މަސައްކަތް ފަށައިފަ އެވެ.
މި ފިލްމުގައި ރަންބީރުގެ ބަތަލާއަކީ ވެސް ކެޓްރީނާ އެވެ. އެ ދެ ތަރިން މީގެ ކުރިން ވެސް ވަނީ އެކުގައި ފިލްމްތަކެއް ކުޅެފަ އެވެ.
އެއީ "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" އާއި "ރާޖްނީތީ" އެވެ.
ކެޓްރީނާ، 30، މީގެ ކުރިން ރައްޓެހިވެގެން އުޅުނީ ސަލްމާން ހާން، 47، އާ އެެވެ. ރަންބީރު ރައްޓެހިވެގެން އުޅުނީ ދީޕިކާ ޕަދްކޯން އާ އެވެ.
އެހެން ނަމަވެސް ރަންބީރާއި ކެޓްރީނާގެ ކުރީގެ ލޯބިވެރިންގެ ލޯބީގެ ގުޅުމުގައި ވަނީ ސިއްކަ ޖެހިފަ އެވެ.