Last Updated: November 22, 23:40
Saturday, November 23, 2024
ޚަބަރު ކޮވިޝީލްޑު

ޑަބްލިޔުއެޗްއޯއިން ކޮވިޝީލްޑް ވެކްސިންއަށް ހުއްދަ ދީފި

ކޮވިޝީލްޑް ވެކްސިން ޖަހަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ހުއްދަ ދީފިއެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް-19 ވެކްސިންގެ ފޯމިއުލާ ބޭނުންކޮށްގެން ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ކުއްލި ހާލަތްތަކުގައި ބޭނުންކުރުމުގެ ހުއްދަ މިހާރު ޑަބްލިޔުއެޗްއޯ އިން ދީފައެވެ.

އެގޮތުން ކޮވިޝީލްޑް ވެކްސިންއަށް ހުއްދަ ދީފައިވާކަން އިއުލާން ކުރުމަށް ޑަބްލިޔުއެޗްއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެސްޓްރާޒެނެކާގެ ވެކްސިން ބޭނުން ކުރުމުގެ ރައްކާތެރިކަމާއި އޭގެ ކާމިޔާބީ އެ ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭ ކަމަށާއި، އަދި އެސްޓްރާޒެނެކާއިން ވަނީ އެ ކުންފުނީގެ ވެކްސިންއިން އާ ވޭރިއެންޓުގެ ސީރިއަސް ކޭސްތައް ހުއްޓުވައިދޭ ކަމުގެ އިތުބާރު އޮތް ކަމަށް ބުނެފައި ކަމަށެވެ.

ޑަބްލިޔުއެޗްއޯއިން އެ ހުއްދަ ދިނީ އެސްޓްރާޒެނެކާގެ ވެކްސިން ޖަހަން އެ ޖަމިއްޔާގެ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓްސް އޮން އިމިއުނައިޒޭޝަން އިން ލަފާ ދިން ފަހުންނެވެ. ޑަބްލިޔުއެޗްއޯ އިން ބުނީ މި ވެކްސިންގެ ދެވަނަ ޑޯޒް ދޭން އެންމެ ރަނގަޅީ ފުރަތަމަ ޑޯޒް ދޭތާ އަށް ހަފުތާ އާއި 12 ހަފުތާއާ ދެމެދުގައި ކަމަށެވެ.

ޑަބްލިޔުއެޗްއޯއިން މީގެ ކުރިން ބޭނުން ކުރަން ހުއްދަ ދީފައި ވަނީ އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން ގުޅިގެން އުފެއްދި ކޮވިޑް ވެކްސިންއަށެވެ.

ރާއްޖޭގައި މިހާރު ޖަހަމުން ދަނީ ކޮވިޝީލްޑް ވެކްސިނެވެ.