Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

"މޯލްޑިވްސް ގްރީން ފަންޑް ކޮމްޕެނީ" ވުޖޫދަށް

ސ. ހިތަދޫ އީދަގިލި ކިޅީ. ފޮޓޯ/ ކިއުންތެރިއެއް

ދިވެހި ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމާއި، ފެނާއި، ނަރުދަމާއާއި، އިޢާދަކުރަނިވި ހަކަތައާއި، ކުނި މެނޭޖް ކުރުމުގެ ދާއިރާ އިން އެކިއެކި މަޝްރޫޢުތައް ހިންގުމަށާއި، މި ދާއިރާތަކަށް ބޭރުގެ ފަރާތްތަކުން ލިބޭ އެހީ އިތުރު ކުރެއްވުމަށާއި، މި ކަންކަމަށް އެހީގެ ގޮތުގައި ލިބޭ ފައިސާ ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓެވުމަށްޓަކައި "މޯލްޑިވްސް ގްރީން ފަންޑް ކޮމްޕެނީ ލިމިޓެޑް" ގެ ނަމުގައި، ދަރަންޏަށް ޒިންމާވާން ޖެހޭ މިންވަރު ކަނޑައެޅިފައިވާ، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ސަރުކާރު ކުންފުންޏެއް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވައިފި އެވެ.

މި ފަންޑް ވެގެންދާނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިންނާއި، ތިމާވެށީގެ ރޮނގުންނާއި، އިޢާދަކުރަނިވި ހަކަތައިގެ ރޮނގުން ރާއްޖެއަށް ލިބޭ ފައިސާ، ސީދާ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުން، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް މެނޭޖް ކުރުމުގެ ޤާބިލުކަން ލިބިފައިވާ މުއައްސަސާއަކަށެވެ.

ރާއްޖެއިން ބޭރުން ލިބޭ އެހީގެ ފައިސާ، ސަރުކާރުގެ ބެއްލެވުމުގެ ދަށުން މެނޭޖް ކުރެވޭނެ ގޮތެއް މިހާތަނަށް ވަނީ ޤާއިމު ނުކުރެވި އެވެ.

އަދި މިފަދަ މުއައްސަސާއެއް އުފެދިފައި ނެތުމާއެކު، ޕްރައިވެޓް ސެކްޓަރަށް ބޭނުންވާ ފައިސާގެ މުޢާމަލާތުތައް ހިންގޭނެ ގޮތެއް ވަނީ ނެތިފަ އެވެ.

އެހެން ނަމަވެސް، މޯލްޑިވްސް ގްރީން ފަންޑް އުފެދުމުން، ރާއްޖެ އާއި ބޭރުގެ އިންވެސްޓަރުންނަށް، ކުރިން މިދެންނެވި ރޮނގުތަކުން އިންވެސްޓް ކުރުމަށް ބޭނުންވާ ފައިސާ، ފަސޭހަކަމާ އެކު، ހޯދުމުގެ މަގު ފަހިވެގެން ދާނެ އެވެ.

އެހެންކަމުން، ރާއްޖެ އަށް މިރޮނގުތަކުން ފައިސާ ހޯދުމަށާއި، ލިބޭ ފައިސާ ބޭނުން ކުރުމަށާއި، އެކިއެކި ވަސީލަތްތައް އިތުރު ކުރުމަށް ލިބިގެން މި ދިޔައީ އިތުރު ކުރިއެރުމެކެވެ.

މޯލްޑިވްސް ގްރީން ފަންޑް އުފެއްދެވުމަށް ކުރައްވަން ޖެހޭ މަސައްކަތްތައް އެންވަޔަރަންމަންޓް މިނިސްޓްރީން ކުރައްވަމުން ގެންދަވާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

މި މުއައްސަސާ އުފެއްދެވީ، ބޭރުގެ ފަންނީ މާހިރުންގެ ލަފައާއި، މިފަދަ ފަންޑުތައް ދުނިޔޭގެ އެހެން ޤައުމުތަކުގައި ހިނގަމުންދާ ގޮތް ބައްލަވައި ދިރާސާތައް ކުރެއްވުމަށް ފަހުގަ އެވެ. އަދި ވަރލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ފުރިހަމަ އެހީތެރިކަމާ އެކުގަ އެވެ.

މޯލްޑިވްސް ގްރީން ފަންޑް މެދުވެރިކޮށް މި ދެންނެވި ރޮނގުތަކުން އެކިއެކި މަޝްރޫޢުތައް ހިންގުމަށް ބޭރުގެ އެކި ފަރާތްތަކުން މިހާތަނަށް 130 މިލިއަން ޑޮލަރަށް ވުރެ ގިނަ ޢަދަދެއްގެ ފައިސާ ވަނީ ހަމަޖެހިފަ އެވެ.

އަދި މި ފަންޑަށް ރާއްޖެއިން ބޭރުން އަންނަން ޖެހޭ އިތުރު ފައިސާވެސް އެކި މަރުޙަލާތަކުގައި ރާއްޖެ އަށް އަންނަމުން ދާނެ އެވެ. މި މުއައްސަސާ ރަނގަޅަށް އިންތިޒާމުކޮށް ހިންގުމަށްޓަކައި ވަރލްޑް ބޭންކާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން މިހާރު ވަނީ އެކަށީގެންވާ މިންވަރެއްގެ މާލީ އެހީއެއް ވެސް ކަނޑައަޅާފަ އެވެ.

ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން މިހާތަނަށް މިފަދަ ފަންޑެއް ޤާއިމު ކުރެވި ހިނގަމުން ދަނީ އެންމެ ޤައުމެއްގަ އެވެ.
އަދި ތަރައްޤީވަމުން އަންނަ އެކި ޤައުމުތަކުން މިފަދަ ފަންޑުތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.