މާލޭ ވިޔަފާރި ބަނދަރުގައި ޓާފް ރޯލެއް ދޯންޏަކަށް އަރުވަން އުޅުމުގެ ތެރޭގައި އެ ޓާފް ރޯލް ވެއްޓި އޭގެ ދަށުވި ޒުވާނާ އިންޑިއާއަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.
މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ ހދ. ނޮޅީވަރަން، ނައިޓް ޓްރީމް، އިމްރާން އަލީ،28 އެވެ. އޭނާ އަށް ސީރިއަސް އަނިޔާތަކެއް ލިބުމާއި ގުޅިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
"މިނާ އިންވެސްޓުމަންޓު" ގައި މަސައްކަތް ކުރާ އިމްރާން މަރުވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައިކަމަށް މައުލޫމާތު ލިބެއެވެ.
ތާފް ރޯލް ވެއްޓުނު މައްސަލަ އާއި ގުޅިގެން އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ބުނީ ހާދިސާ ތަހްގީގު ކުރުމުގެ މަސައްކަތް އެކުންފުނީގެ އެކްސިޑެންޓު އިންވެސްޓިގޭޝަން ކޮމެޓީން ފަށާފައިވާ ކަމަށެވެ.
އަދި ހާދިސާގެ ތަހްގީގު ވަކިގޮތެއް ކަނޑައަޅަން ދެން އެމްޕީއެލްގެ މުދާ ކްލިއާ ކުރާ "މިނާ އިންވެސްޓުމަންޓު ގްރޫޕާއި" ހާދިސާ އާއި ގުޅުން ހުރި އޮޕަރޭޝަންސްގައި މަސައްކަތް ކުރަމުން ދިޔަ އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެމްޕީއެލްއިން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ޒިއްމާވާން ޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށެވެ. އަދި މާލެ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްޕީއެލްގެ ބަޔާނުގައި ވެއެވެ.
ޓާފް ރޯލެއް ވެއްޓި މީހަކު މަރުވި އިރު، މިދިޔަ މަހުގެ ކުރީކޮޅު އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓެއިނަރަކުން ބިއްލޫރި ތަކެއް ބަރު ކުރަނިކޮށް ގައިމައްޗަށް ޕެލެޓް ވެއްޓި ލިބުނު އަނިޔާތަކާ ގުޅިގެން ނ. ލަންދޫ/ފޭރުގަސްދޮށުގޭ، އުމުރުން 27 އަހަރުގެ އަބްދުﷲ އާސިމް ވަނީ ނިޔާވެފައެވެ. މިއީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އެމްޕީއެލް ތެރޭގައި ހިނގި ހާދިސާތަކުގައި ނިޔާވި ދެވަނަ މީހާއެވެ.