އުމުރުން 40 އަހަރުން މަތީ މީހުންނަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ދޭން ފަށައިފިއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، މިއަދު ހެނދުނު 9:00 އިން ފެށިގެން 17:00 އާ ހަމައަށް ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒުގައި އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުންނާއި 40 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށާފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ވިލިމާލޭ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ދޭނީ 9:00 އިން 13:00 އަށް ކަމަށެވެ. ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރު ނުވަތަ ކުރީގެ ފްލޫ ކްލިނިކްގައި ވެކްސިން ޖަހައިދޭނީ 9:00 އިން 17:00 އާ ހަމައަށެވެ. އެޗްޕީއޭއިން ބުނެފައިވަނީ އެ ފަރާތްތަކުން އެ ވަގުތުތަކުގައި އެތަންތަނަށް ދިއުމުން ވެކްސިން ޖަހައިދޭނެ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް 50،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ވަނީ ދީފައެވެ. އެޗްޕީއޭ އިން ބުނީ އިއްޔެ 6230 މީހަކަށް ވެކްސިން ދީފައިވާ ކަމަށާއި އަދި މުޅި ޖުމްލަ 50،047 މީހަކަށް މިހާތަނަށް ވެކްސިން ދީފައިވާ ކަމަށެވެ. މާލެ ސަރަހައްދުން މިހާތަނަށް 39،309 މީހަކަށް ވެކްސިން ދީފައިވާއިރު އަތޮޅު ތެރެއިން މިހާތަނަށް 10،159 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.