ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ރަށްރަށުގައި ވެސް ހިންގޭނީ ވިޔަފާރި އުސޫލުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމާއި މެމްބަރުންވަނީ ސުވާލުކޮށްފައެވެ. އެގޮތުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ، ކައުންސިލްތަކުން އެ ރަށެއްގެ ބިން ވިއްކައިގެން ލިބޭ ލާރިން، އެ ލާރި އެއީ ސީޑް މަނީގެ ގޮތުގައި ބޭނުން ކޮށްްގެން، ބޭންކަކަށް ލޯނަަކަށް ދާން ވިޔަސް އިކުއިޓީގެ ގޮތުގައި ބޭނުންކުރެވޭނޭ ގޮތް ހެދުން ކަމަށެވެ.
އަސްލަމް ވިދާޅުވީ އެކޮންސެޕްޓަށް މަޝްރޫއުތައް ހިންގާނީ ރަށުކައުންސިލާއި ބޭންކާއި ގޯތީގެ ވެރިފަރާތް ވެސް ބައިވެރިވެގެންކަމަށެވެ. އަދި އެގޮތަށް ވިޔަފާރި އުސޫލުން ހައުސިން މަަޝްރޫއުތައް ނުހިންގޭ ރަށްރަށުގައި ބޯހިޔާވަހިކަން ހިންގުމަށް ސަރުކާރުން އިންޓަވެން ކުރާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގޭނީ ވިޔަފާރި އުސޫލުންކަމަށެވެ. ސަރުކާރަށް ލޯނު ނަގާފައި ގެދޮރު އަޅާފައި އެ އަޅަން ދިޔަ ޚަރަދު ނުލިބޭނެ ގޮތަކަށް އެކަން ކުރާ ކަމަށްވާނަމަ އެއީ ދިވެހިރާއްޖޭގައި ސަސްޓެއިންކުރެވޭ ކަހަލަ ސްކީމަކަށް ނުވާނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.