ފުވައްމުލަކު ރަށް ގިރުމުގެ މައްސަލައަށް ހައްލު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަމަސްތެރޭ ފެށޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލަކުން ވާދަކުރާ ކެންޑިޑޭޓުންނާއި އެކު ރޭ ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ފުވައްމުލަކު ރަށް ގިރުމުގެ މައްސަލައަކީ އެރަށައް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށެވެ. އަދި ކޮންމެ ސަރުކާރަކުންވެސް އެ މައްސަލަ ައްލު ކުރުމަށް ގިނަ ވާހަކަ ދެއްކި ނަމަވެސް އެމައްސަލަ ހައްލުވެފައި ނުވާކަން ރައީސް ފާހަގަ ކުރެެއްވިއެވެ.
ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމަނިކުފާން ފުވައްމުލަކަށް ވަޑައިގަތުމުންވެސް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މައްސަލަ ކަމަށެވެ.
ރައީސް ވިދާޅުވީ ބޭރުގެ ހިލޭ އެހީގެ ދަށުން ހިންގާ މި މަޝްރޫއުގެ ޓެންޑަރިން މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އަންނަ މާޗު މަހުގެ 8 ވަނަ ދުވަހު ބިޑް ބައްދަލުވުން އޮންނާނެކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެގެފަހުން އަމަލީ މަސައްކަތް، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފެށުމަށް މި ވަނީ ތައްޔާރުވެފައި. ދުވަސްވީ ބޮޑު މައްސަލައަށް މި އަހަރުގެ ތެރޭގައި ހައްލެއް އަންނަން ފަށާނެ." ރައީސް ސޯލިހު ވިދާޅުވިއެވެ.
ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުއަކީ ނެދަލޭންޑްސްގެ އެންޓަރޕްރައިސް އޭޖެންސީ (އޯރިއޯ) އިން ދޭ ހިލޭ އެހީ އާއި ކުވައިތު ފަންޑު ފޯރ އެރެބް އިކޮނޮކިމް ޑިވެލޮޕްމަންޓް (ކުވައިތު ފަންޑު) އިން ދޭ ލޯންގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގާތްގަނޑަކަށް މުޅި ޖުމްލަ 25.5 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއުކެވެ.
މި މަޝްރޫއުގެ ދަށުން ފުވައްމުލަކުގެ ގޮނޑުދޮށުގެ 2650 މީޓަރު ހިމާޔަތް ކުރުމަށް ވަނީ ނިންމާފައެވެ.
ރައީސް ސޯލިހު ވިދާޅުވީ ފުވައްމުލަކު ގިރާ ސަރަހައްދުގެ އިތުރުން ރަށުގެ ވަށައިގެންވާ ނެރުތައް ބަންދުކުރުމަށްވެސް ރައްޔިތުންގެ ފަރާތުން ހުށަަޅާފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ސާވޭ މިހާރު އެމްޓީސީސީ އާއި ހަވާލު ކުރެވިފައިވާ އިރު އެމައްސަލައަށްވެސް ހައްލު ލިބިގެންދާނެކަމަށެވެ.