Last Updated: November 23, 05:52
Saturday, November 23, 2024
ޚަބަރު

ވެރިންނާއި ޖެހުނީމައި ކޮވިޑްވެސް މައިތިރިވަނީތޯ: ޑރ ޖަމީލް

ވެރިންނާއި ޖެހުމުން ނުރައްކާތެރި ކޮވިޑް 19 ވައިރަސް ވެސް މައިތިރިވަނީތޯ އަހައި ސުވާލު އުފައްދަވައި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް އެފަދައިން ވިދާޅުވެ ޓްވީޓް ކުރެއްވީ، ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ބައްދަލުވުމެއްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނަކާއި ހިލާފަށް މާސްކް ނާޅުއްވައި ތިން ފޫޓަށްވުރެ ކައިރީގައި ތިބި ފޮޓޯ ހިއްސާކުރައްވަމުންނެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މެމްބަރުން ބާއްވައި އެއްވުންތަކުގައި، ފުލުހުން އެއްވެމުގެ ބައިވެރިންނާއި ދޭތެރޭ އަމަލުކުރާ ހަރުކަށި ގޮތް ކުށްވެރިކުރައްވައި ޖަމީލް ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ވާހަކަ ރައްޔިތުންގެ ކައިރީގައި ދައްކައި ރައްޔިތުން ގެޔަށް ވެއްދުމަށްފަހު ދެ ރައީސުން ގައިޑްލައިންތަކާއި ހިލާފްވުމުން ވަރަށް ބޮޑަށް އެކަން ކުށްވެރިކުރައްވައި ފާޑު ވިދާޅުވެފައެވެ.

މީގެއިތުރުން ދެ ރައީސުން އަމިއްލައަށް ގައިޑްލައިންތަކާއި ހިލާފްވެފައި، އިދިކޮޅު މެންބަރުން ހައްޔަރުކޮށް މުއްދަތު ޖެހުމުގައި އޮތީ ކޮން ހުއްޖަތެއްތޯ އަހައި ޖަމީލް ވަނީ ސުވާލު އުފައްދަވައިފައެވެ. އެގޮތުން ޖަމީލް ވަނީ ރައީސް ޞާލިހް އަދި ރައީސް ނަޝީދުގެ އެ އަމަލުފުޅު މުނާފިގުންގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.