ކޮންމެ ރިޔާސީ އިންތިހާބަކާއި އެކުވެސް އައްޑޫ ތަރައްޤީ ކުރުމުގެ ފޮނި ވާހަކަތަކުގެ އަޑުގަދަވެއެވެ. އައްޑޫގެ ތަރައްޤީއަށް އެވެނި މިވެނި ކަމެއް ކުރާނެ ވައުދު ނުވާ އެންމެ ރައީސަކުވެސް ފާއިތު އަހަރުތަކުގައި ރާއްޖޭގައި ވެރިކަން ކުރައްވާފައި ނުވެއެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ އައްޑޫއިން ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި 70 ޕަސެންޓު ވޯޓުދިނީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެނެސްދެއްވި ވައުދު ނާމާއަށް ރުހި ގަބޫލްވީ ވަރުބޮޑުކަމުންނެވެ. އެ ވައުދުނާމާގައި ލިޔެފައިވަނީ އައްޑޫ ރައްޔިތުންގެ އެތައް ދުވަހެއްވީ އުއްމީދާއި ހުވަފެންތަކެވެ.
ގަމުގެ އެއާޕޯޓު ތަރައްޤީކޮށް، މަގު ހަދައި، ބިން ހިއްކައި، ފަތުރުވެރިކަމަށް އިތުރު ރަށްތައް ހިއްކުމަށް ވަނީ ހިމަނާފައެވެ. ހިތަދޫ ސަރަހައްދީ ބަނދަރު ތަރައްޤީކޮށް ދެކުނުގެ ކާގޯ ހަބަކަށް އައްޑޫ ހެދުމަށް ލިޔެވިފައިއޮތެވެ. މީގެ ސަބަބުން އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބި އިގްތިސާދީ ގޮތުންނާއި، އުމްރާނީ ގޮތުން އައްޑޫ އެހެން ލެވެލްއަކަށް ގެނެސްދޭނެކަމަށް އޮތީ ލިޔެފައެވެ. މި ފޮނި ވައުދުތަކަށް އައްޑޫ ރައްޔިތުން ގޮސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނަމާއި ދިމާލު ވޯޓު ކަރުދާހުގައި ހެޔޮ ފާހަގަޖަހައި ވޯޓު ފޮށިތައް ފުރާލަދިނެވެ.
ނަމަވެސް މިއީ އޭގެ ދެ އަހަރު ފަހެވެ. 2018 ވަނަ އަހަރު ނޮވެމްބަރު މަހު ރައީސުލް ޖުމްހުރިއްޔާކަމުގެ ހުވާ ކުރެއްވުމަށްފަހު 2019 ވަނަ އަަރުގެ ރިޔާސީ ބަޔާން އިއްވި އިރު އެންމެ ބޮޑު ހޭދައެއް ކުރެއްވުމަށް އޮތީ އައްޑޫގައެވެ. 2019 ވަނަ އަހަރުގެ މަޖްލިސް އިންތިހާބުގެ ކެމްޕެއިންއަށް ވަޑައިގެން މަރަދޫ ޕާކުގެ ސްޓޭޖުގައި ހުންނަވައި ރައީސް ސޯލިހު ވިދާޅުވީ އައްޑޫ ތަރައްޤީ ކުރުމަށް 5 ބިލިއަން ރުފިޔާ ހަމަޖެހިފައިވާ ވާހަކައެވެ. ވައުދު ނާމާގައި ހުރި ކަންކަން އެ ފައިސާއިން ކުރައްވަން ފައްޓަވަނީ ކަމަށެވެ.
ނަމަވެސް 2019 ވަނަ އަހަރު ނިމުނީ އެ ވިދާޅުވި މަސައްކަތް ނުފެށިއެވެ. އެމަސައްކަތުގެ ތެރޭގައި ބިން ހިއްކުމާއި، މަގު ހެދުމާއި، އެއާޕޯޓު ތަރައްޤީކޮށް ވަޒީފާގެ ފުރުސަތު ހުޅުވައިދިނުން ހިމެނެއެވެ.
ރައީސް ސޯލިހުގެ 2020 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައިވެސް ވިދާޅުވީ އަތޮޅުތަކުން އެންމެ ބޮޑު ހޭދައެއް އެ އަހަރު ކުރަން އޮތީ އައްޑޫއަށްކަމަށެވެ. އޭގައިވެސް ވަނީ 2019 ވަނަ އަހަރުވެސް ހިމަނާފައިވާ އެއް މަޝްރޫއުތަކެވެ. 2020 ވަނަ އަހަރު ފެށުނީ ކޮވިޑު-19ގެ އަލަމީ ވަބާ އާއި އެކުއެވެ. ދައުލަތަށް ލިބެމުން އައި ފައިސާ ހުއްޓި މުޅި އަހަރުގެ 8 މަސް ދުވަސް ރާއްޖެ އޮތީ ފުރަބަންދުގައެވެ. ނަމަވެސް ސަރުކާރުން ތަކުރާރުކޮށް ބުނަމުން އައީ ތަރައްޤީގެ އެއްވެސް މަޝްރޫއެއް ނުހުއްޓި ކުރިއަށްދާނެކަމަށެވެ. އެއީ މުޅިން ދޮގެއް ނޫނެވެ. ހޯރަފުށީ އެއާޕޯޓު ފަދަ މަސައްކަތް ނިންމާލީ ކޮވިޑުގެ ބަލިމަޑުކަމުގައެވެ. ރާއްޖޭގެ ބައެއް ރަށްތަކުގެ މަގު ހަދައި، ފަޅު ފުންކޮށް، މާލެ ސަރަހައްދަށް ސަރުކާރުން އަމާޒު ހިފި އެއްވެސް މަޝްރޫއެއް ނުހުއްޓެއެވެ.
ނަމަވެސް 2020 ވަނަ އަހަރު ނިމިގެން ދިޔައީ އައްޑޫއަށް ވައުދުވި އެއްްވެސް މަސައްކަތެއް ނުފެށިއެވެ. މަގު ހެދުމަށާއި، ބިން ހިއްކުމަށް 2020 ވަނަ އަަހަރުގެ ފަހުކޮޅު ފެށޭނެކަމަށް އޮކްޓޯބަރު މަހުން ފެށިގެން ތާރީހުތަކެއް ދިނެވެ. ނަމަވެސް މަސައްކަތް ނުފެށި 2020 ނިމުނީއެވެ. 2020 ވަނަ އަހަރު ގަމުގެ އެއާޕޯޓުގައި ސީޕްލޭން އޮޕަރޭޓުކޮށް ގަމާއި ހުވަދޫ ގުޅާލުމަށް އައިލެންޑު އޭވިއޭޝަނާއި އެކު ސޮއިކުރީ 40 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ދަތުރު ފެށުމަށެވެ. ނަމަވެސް އަދި މިހާތަނަށް މި މަސައްކަތް ނިމި ދަތުރު ފެށިފައިނުވެއެވެ.
2021 ވަނަ އަހަރު ރައީސް ދެއްވި ރިޔާސީ ބަޔާނަކީ އެމަނިކުފާންގެ ވެރިކަމުގައި ދެއްވި 3 ވަނަ ރިޔާސީ ބަޔާނެވެ. މި ބަޔާނުުގައިވެސް ތަކުރާރުވެގެން ދިޔައީ 201 9،2020 ގައި އަޑު އިވުނުނު ގޮތަށް އަތޮޅުތަކުން އެންމެ ބޮޑު ހޭދައެއް އައްޑޫއަށް ކުރާނެކަމަށެވެ. ބޮޑެތި ހުރިހާ މަޝްރޫއުތަކެއް މިއަހަރުގެ ފުރަތަމަ 6 މަސް ތެރޭގައި ފެށޭނެކަމަށެވެ. މިއަހަރުގެ ފުރަތަމަ 2 މަސް ނިމެން ކައިރިވަމުން އަންނަ އިރު އަދި އެއްވެސް މަސައްކަތެއް ނުފެށެއެވެ.
ނަމަވެސް "ފިނިހަކަ" ދުވެލީގައި މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ބޮޑުމަގުގެ ރީސާފޭސް ކުރުމުގެ މަސައްކަތް 2020 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ޖީކޭ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްގެން ކުރިއަށް އެބަދެއެވެ.
ރައީސް ސޯލިހުގެ ވެރިކަމުގެ ތިން ވަނަ އަހަރާއި އައްޑޫ ރައްޔިތުން ބައްދަލު މިކުރީ ފާއިތުވި 30 އަހަރަށްވުރެވެސް ނިކަމެތި ކަމާއި އެކުއެވެ. ކޮވިޑު19 ގެ ބަލި މަޑުކަމާއި އެކު އައްޑޫގައި ހިންގަމުން އައި ޝަންގްރިއްލާ އަދި ކެނެރީފު ބަންދުކޮށް އެތަނުގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާތާ އަހަރެއްވަނީއެވެ. 500 އަށް ވުތރެ ގިނަ މީހުން ވަޒީފާ ގެއްލި ބިކަވެފައިވާ އިރު އަދި މިހާތަނަށް އެމީހުންނަކަށް އެއްވެސް އުއްމީދެއް ސަރުކާރުން ހޯދައި ނުދެވެއެވެ. ޝަންގްރިއްލާ އަދި ކެނެރީފު ހުޅުވޭނެ ދުވަހެއް އެކަމުގައި ކުރެވޭ މަސައްކަތެއް ރައްޔިތުންނަކަށް ސާފެއް ނޫނެވެ.
8000 ޓޫރިސްޓު އެނދު ގާއިމްކޮށްދިނުމަށް ވައުދުވި ނަމަވެސް އެންމެ އެނދެއްވެސް އަދި މިހާތަނަށް އައްޑޫއަަކަށް އިތުރެއް ނުވެއެވެ. އޭގެ ބަދަލުގައި ކުރިން އޮޕަރޭޓު ކުރެވެމުން އައި ދެ ރިސޯޓު މިވަނީ ބަންދު ކުރުމާއި އެކު ކުރިން ހުރި އެނދުތައްވެސް މިވަނީ މާކެޓުން މަދުވެފައެވެ.
ރައީސް ސޯލިހުގެ ސަރުކާރުން މިހާތަނަށް މަދު ސިޔާސީ ވަޒީފާއެއް ފިޔަވައި އައްޑޫގައި ވަޒީފާގެ ފުރުސަތެއް ހުޅުވިފައި ނުވެއެވެ. ކުރިން ތިބި ވެލި މަގުތަކެއް ހަރުދަނާ އުސޫލަކުން ބެލެހެއްޓިފައި ނުވެއެވެ. ލިންކު ރޯޑުގައި ކުރިންވެސް އަދި މިހާރުވެސް އަޅަނީ ސިމެންތި ޕެޗެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކާރުން ތައްޔާރުވަމުން އަންނަ އިރު އަދި މިހާތަނަށް އައްޑޫ ތަރައްޤީ އާއި ގުޅޭ ގޮތުން ސަރުކާރުން ވީ ވައުދުގެ 5 ޕަސެންޓު މަސައްކަތްވެސް ނުނިމެއެވެ. އަދި ހަމަ ދައްކަނީ ހުސް ވާހަކައެވެ.