ރ.ކިނޮޅޮހުގައި ކުނި މެނޭޖް ކުރުމުގެ ސިސްޓަމްގައި ހިމެނޭ އެކި ބާވަތުގެ ކުނި ވަކިކުރުމާއި އާންމު ތަންތަނުގައި އުފެދޭ ކުނި ފަސޭހަކަމާއެކު މެނޭޖްކުރުމަށް އެހީތެރިވުމުގެ ގޮތުން ހިންގުނު ޕްރޮޖެކްޓަށް ބޭންކް އޮފް މޯލްޑިވިސްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން އެހީތެރިވެއްޖެއެވެ.
އެ ޕްރޮޖެކްޓް މިހާރު ކާމިޔާބު ކަމާއިއެކު ނިންމާލާފައިވާއިރު، އެ ޕްރޮޖެކްޓް ހިންގާފައިވަނީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުންނެވެ. އެގޮތުން ބީއެމްއެލްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދިޔަ އެ ޕްރޮޖެކްޓްގެ ދަށުން އެރަށުގެ 5 ސަރަހައްދެއްގައި ވަނީ އެކި ބާވަތުގެ ކުނި އެޅުމަށް ހާއްސަ ޑަސްބިންތަކެއް ބެހެއްޓިފައެވެ.
އެގޮތުން ކިނޮޅޮހުގައި ކުރިން ކުނި މެނޭޖްކުރަމުން އައީ ރަށު ކައުންސިލުގެ ފަރާތުންނެވެ. ކައުންސިލުން ދިޔައީ ރަށުގެ އެންމެހައި ގޭބިސީތަކުން ކުނި ނަގައި ދުވަހުން ދުވަހަށް ކުނި މެނޭޖް ކުރަމުންނެވެ. ކުނި ވަކިކޮށް އަދި ކުނި އެޅުމަށް ހާއްސަ ގޮތްތަކެއް ނެތުމުގެ ސަބަބުން ރަށުގެ އާންމު ތަންތަނުގައި މި މަސައްކަތް ކުރުމަށް ގޮންޖެހުންތަކާއި ދިމާވި ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެއް ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. ބީއެމްއެލް އިން މިހާރު ވަނީ ކޮމިއުނިޓީ ފަންޑު ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މާރިޗު މަހުގެ 6 ވަހަ ދުވަހާ ހަމަޔަށް ހުޅުވާލާފައެވެ.