ސ. ހުޅުދޫ ސްކޫލްގެ މިދިޔަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ރޭ ބާއްވައިފި އެވެ.
މި ޖަލްސާ ޝަރަފްވެރިކޮށް ދެއްްވީ ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލް އަހުމަދު މިހާދެވެ. މީގެ އިތުރުން އިނާމް ލިބުނު ދަރިވަރުންނަށް ފުލުހުންގެ ދެކުނު ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އަހުމަދު ޝިފާން ވެސް އިނާމް ހަވާލުކޮށް ދެއްވި އެެވެ.
ހުޅުދޫ ސްކޫލުން ބުނީ މިދިޔަ އަހަރު އެ ސްކޫލްގެ ދަރިވަރުންނާއި ތައުލީމީ ގޮތުންނާއި އިތުރު ހަރަކާތްތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ކަމަށެވެ.
އެގޮތުން އެކި ގޮތްގޮތުން އިނާމް ހާސިލް ކުރި ދަރިވަރުންނަށް ރޭ ގެ ޖަލްސާގައި ވަނީ އިނާމް ދީފަ އެވެ.
އޭގެ ތެެރޭގައި މިދިޔަ އަހަރު އެ ސްކޫލުން ގްރޭޑް 7 ނިންމި 18 ދަރިވަރުންގެ ތެރެއިން ފަސް ދަރިވަރަކު ވަނީ، އައްޑޫގެ ޕްރައިމެރީ ސްކޫލްތަކަށް އަމާޒުކޮށްގެން ބޭއްވި "ޕްރައިމެރީ ޓާމިނަލް އެގްޒަމިނޭޝަން" ގެ ގަދަ 10 ގައި ވެސް ހިމެނިފަ އެވެ.
މީގެ އިތުރުން އިތުރުން އެ ސްކޫލުން ވަނީ ޖެނެރަލް ސައިންސާއި އިސްލާމް މާއްދާ އިން މުޅި އައްޑޫ ފަހަރުވެރިވާ ފަދަ އެއް ވަނަ މަގާމު ވެސް ހާސިލްކޮށްފަ އެވެ.
އެ މަގާމު ހާސިލްކޮށްފައި ވަނީ އެ ސްކޫލްގެ ދަރިވަރު އައިޝަތު އަސްފާ އެވެ.
ރޭގެ ޖަލްސާގައި ހުޅުދޫ ސްކޫލްގެ ޕްރިންސިޕަލް މަޒުކޫރާ މޫސާ ވިދާޅުވީ އެ ސްކޫލުން ހޯދަމުން އަންނަ ކުލަ ގަދަ ކާމިޔާބީތަކަކީ ސްކޫލްގެ ބެލެނިވެރިންގެ ހިތްވަރާ އެކު ހޯދަމުން އަންނަ ކާމިޔާބީތަކެއް ކަމަށެވެ.
އެހެންވެ އޭނާ ވަނީ ބެލެނިވެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. މަޒުކޫރާ އިތުރަށް ވިދާޅުވީ އެ ސްކޫލް ތައުލީމީ ގޮތުން ކުރިއަރަމުން އަންނަ މި ދަނޑިވަޅުގައި ދަރިވަރުންނާ އެކުއެކީ ޓީޗަރުންނާއި ބެލެނިވެރިން ވެސް ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިކޮށް، އެކަމަށް ހާއްސަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
މަޒުކޫރާ އަދި ވަނީ މުޖުތަމަ އަށް އަންނަމުންދާ ބަދަލުތަކާ އެކު ދަރިވަރުން އިސްލާމީ ރިވެތި އަހުލާގުގެ މަތީގައި ދެމި ތިބެ، އަބަދުވެސް ރިވެތި މާތް އަހުލާގުގެ މަތީގައި ސާބިތުވެ ތިބުމަށް ދަރިވަރުންނަށް ގޮވާލައްވައިފަ އެވެ.
ރޭގެ ޖަލްސާގައި މިހާދު ދެެއްކެވި ވާހަކަައިގައި ބެލެނިވެރިން ވަޒީފާ އަދާ ކުރުމުގެ އިތުރަށް ސިޔާސީ ކަންކަމުގައި ވެސް މިހާރު ވަރަށް ބޮޑަށް ހަރަކާތްތެރިވަމުން ވެސް ދަރިވަަރުންގެ ކަންތައްތައް ވަރަށް ގާތުން ބަައްލަވަމުން ގެންދަވާކަން ފާހަގަ ކުރައްވައި، އެކަން އެގޮތަށް ދެމެހެއްޓެވުމަށް އިލްތިމާސް ކުރެއްވި އެވެ.
އަދި ސޯޝަލް މީޑިއާ ހެޔޮ ގޮތުގައި ދަރިވަރުން ބޭނުން ކުރަން ދަރިވަރުންނަށް ދަސްކޮށް ވެސް މިހާދު ގޮވާލެއްވި އެވެ.