Last Updated: November 22, 23:40
Friday, November 22, 2024
ރިޕޯޓް

މަންމައާއި ބައްޕަދެކެ ލޯބިވާ ވާހަކަ ކޮންމެ ދުވަހަކުވެސް ބުނެލާ!

އަހަރެމެންނާއިއެކު އެކީގައި އުޅޭ އެކުވެރިންގެ ގާތުގައި، އެމީހުން ދެކެ ވާ ލޯތްބާއި، އަހަރެމެންގެ ދިރިއުޅުމުގައި އެމީހުންގެ މުހިންމުކަން ބުނެލުމަކީ ގިނަ މީހުންނަށް މާ ބޮޑު ކަމެއް ނޫނެވެ. ވަކި ހާއްސަ މުނާސަބަތަކާއި ނުލައި ތިބާގެ ހަޔާތުގެ ބައިވެރިޔާ ގާތު ލޯބިވާ މިންވަރު ބުނެލުމަކީވެސް ގިނަ މީހުން އާއްމުކޮށް ކުރާ ކަމެކެވެ. އެހެންނަމަވެސް ތިބާ 9 މަހާއި 9 ދުވަސްވަންދެން އެ ހަށިގަނޑު ތެރޭގައި ރައްކާތެރިކަމާއި އެކު ގެންގުޅުނު މައިމީހާ ދެކެ ލޯބިވާ މިންވަރު ބުނެދޭން ފަސްޖެހެނީ ކީއްވެހެއްޔެވެ؟ ތިބާ އަށް ފާގަތި ދިރިއުޅުމެއް ހޯދައި ދިނުމަށް ޓަކައި އެމީހާގެ މުޅި އުމުރު ނަގާލި ބައްޕަގެ މުހިންމުކަން ކިޔައިދޭން ޖެހުމުން އެކަން ނުކުރެވެނީ ކީއްވެތޯއެވެ؟

ޝައްކެއްވެސްނެތެވެ. އަހަރެމެންގެ ދިރިއުޅުމުގައި އެންމެން މުހިންމު އަދި އެންމެން ހާއްސަ ބަޔަކަށް ވާން ޖެހޭނީ އަހަރެމެންގެ މައިންބަފައިންނެވެ. މަންމައާއި ބައްޕަ ދެކެ ލޯބިވާ ވާހަކަ ބުނެ އެމީހުންނާއި އެކު ވަގުތު ހޭދަކުރަން ޖެހޭނީ ވަކި ހާއްސަ ދުވަސް ދުވަހެއްގައި އެކަންޏެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް މައިންބަފައިންނާއި އެކު ވަގުތު ހޭދަކުރަން ޖެހޭނެއެވެ. އެމީހުން ދެކެ ލޯބިވާ މިންވަރު ބުނެދޭން ވާނެއެވެ. ފަހަރެއްގައިވެސް މައިންބަފައިން ގާތު ލޯބިވާ ވާހަކަ ބުނުމަކީ ލަދުގަނެ ފަސްޖެހެން ޖެހޭ ކަމެއް ނޫނެވެ. ތިބާ އަށް އުފާވެރި އަދި ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުމަށް އެދެމީހުންގެ ހަޔާތް ގުރުބާން ކުރިއެވެ.

ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން އަހަރެމެން އެންމެންނަށް މައިންބަފައިން ކައިރި އެމީހުންނާއި އެއް ފަސްގަނޑެއްގައި ނޫޅެވިދާނެއެވެ. އެހެންނަމަވެސް މަންމައާއި ބައްޕައާއި ކިތަންމެ ދުރުގައި ދިރިއުޅެން ޖެހުނަސް، ފަރުވާ ކުޑަނުކޮށް ކޮންމެ ދުވަހަކު އެމީހުންނަށް ގުޅައި އެމީހުންގެ ހާލު އަހުވާލު ބެލުމަކީ ކޮންމެ ދަރިއެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. މައިންބަފައިން މުސްކުޅިވެ ގައިބާރު ދެރަވެފައިވާ ދުވަހު އެމީހުން އެންމެން ބޭނުންވާނެ އެކައްޗަކީ ދަރިންގެ ލޯތްބާއި އަޅާލުމެވެ. ދަރިން އެމީހުންނާއި އެކު ވަގުތު ހޭދަކުރުމަށެވެ. އެމީހުން ދެކެ ލޯބިވާ މިންވަރު ކިޔައިދިނުމަށެވެ.

ފޭސްބުކްގައި ޖަހައިލާ ޕޯސްޓަކުން ނުވަތަ ޓްވިޓަރގައު ކޮއްލާ ޓްވީޓަކުން މައިންބަފައިން ދެކެ ލޯބިވާވަރު ބުނެލުމަކުން އަދި އެ ނިމުނީ އެއް ނޫނެވެ. އެމީހުން ބޭނުންވާނީ ދަރިފުޅު އަނގައިން އެވާހަކަތައް ބުނާ އަޑު އަހާށެވެ. ވަޒީފާގައި ކިތަންމެ ބުރަ ވިނަމަވެސް މައިންބަފައިންނަށް ދޭން ޖެހޭ ވަގުތު ދިނުމަށް ހަނދާން ނައްތާނުލަށެވެ. ތިބާ ކުޑައިރު އެމީހުން ވަޒީފާގައި ބުރަވިޔޭ ކިޔާފައި ތިބާ ހާލުގައި ޖައްސާފައި އެކަނި ދޫކޮށްނުލައެވެ. މައިންބަފައިން ދެކެ ލޯބިވާ ވާހަކަ ބުނަނަ އެއްވެސް ވަރަކަށް ފަސް ނުޖެހޭށެވެ. އެދެމީހުން އެތިބީ އެވާހަކަތައް އަޑުއަހަނަ ކެތްމަދުވެފައެވެ.