އެއީ ރާއްޖޭގެ ތާރީހުގައި ފާހަގަކޮށްލެވޭ ތަނެކެވެ. ޒަމާންވީ ދިގު ތާރީހެއް އޮތް ރާއްޖެ އިސްލާމްވުމުގެ ތާރީހާ ވެސް ގުޅިފައިވާ ތަނެކެވެ.
އެހެން ނަމަވެސް ސ. މީދޫގައި ހުރި ކޯގަންނު ގަބުރުސްތާނާ މެދު ވަނީ އިހުމާލު ވެވިފަ އެވެ. އެތަނަށް ދޭން ވާ ވަރަށް އަޅާލުމާއި ސަމާލުކަން ނުދިނުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
ހަމަ ޔަގީނުން ވެސް މިއީ ރާއްޖޭގެ ޒަމާންވީ ދިވެހިން ފަހުރުވެރިވާ ތާރީހާއި ތަރިއަކަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ.
ކޯގަންނު ގަބުރުސްތާނުގައިހުރި އެންމެ ދުވަސްވީ އާސާރީ މިސްކިތް މަރާމާތު ކުރަން މީދޫގައި ހުރި އައްޑޫ ސިޓީ ކައުންސިލްގެ އެންވަޔަރަމަންޓް ޑިޕާޓްމަންޓުން މިދިޔަ ރަމަޟާން މަހުގެ ކުރިން ބަޔަކާ ހަވާލު ކުރުމުން އެ މަސައްކަތާ ހަވާލުވި ފަރާތުން ރަމަޟާން މަހުގެ ކުރީން މިސްކިތުގެ މަރާމާތުގެ މަސައްކަތް ފެށި އެވެ.
އެގޮތުން މިސްކިތުގެ ފުރާޅުގެ ޓިނުތައް ނެގުމަށް ފަހު މިސްކިތުގެ މަރާމާތުގެ މަސައްކަތް ހުއްޓާލާ މިއަދާ ހަމައަށް ވެސް އެ މިސްކިތުގެ މަރާމާތުގެ އެއްވެސް މަސައްކަތެއް ނުކޮށް މިސްކިތް ވީރާނާކޮށްލަން ވަނީ ދޫކޮށްލައިފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުން ކޯގަންނު ގަބުރުސްތާނުގައި ހުރި ކޮންމެ މިސްކިތެއް ބެލެހެއްޓުމަށް މީހަކާ ހަވާލުކޮށްފައި ވަނިކޮށް އެ ސަރުކާރު ބަދަލުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އުފެދު ކައުންސިލްތަކާ މިސްކިތްތައް ހަވާލުވުމުން މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރެވެމުން ނުދާ ކަމަށް ބައެއް ފަރާތްތަކުން ފާހަހަ ކުރެ އެވެ.
މިގޮތުން އައްޑޫގެ މިސްކިތްތައް އައްޑޫ ސިޓީ ކައުންސިލާ ހަވާލުވުމުން ކޯގަންނު ގަބުރުސްތާނުގައިވާ މިސްކިތްތައް ސިޓީ ކައުންސިލުން އުވާލާ އެ މިސްކިތްތައް ބެލެހެއްޓުމަށް ހަވާލު ކުރެވިފައިވާ ފަރާތްތައް ވެސް ވަނީ ވަޒީފާއިން ވަކިކޮށް ދޫކޮށްލައިފަ އެވެ.
އޭގެ ފަހުން ކޯގަންނު ގަބުރުސްތާނުގައިވާ މިސްކިތްތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓެމުން ނުދާކަން އެއީ އެންމެންނަށް ވެސް އެނގޭ ކަމެކެވެ. އަދި ގިނަ ބަޔަކު ކަންބޮޑުވާ މައްސަލައެއް ވެސް މެ އެވެ.
ކޯގަންނު ގަބުރުސްތާނަކީ އަބަދުވެސް ވަރަށް ބޮޑު އިސް ކަމެއް ދީގެން ބަލަހައްޓަމުން އަންނަ ތަނެއް ކަމަށާ ދޭތެރެ ދޭތެރެއިން އެތަނަށް އެކި ގޮތްގޮތުން ލިބޭ ގެއްލުންތައް މަރާމާތު ކުރަމުން ގެންދިޔަ ނަމަވެސް އެކަށީގެންވާ ބަޖެޓެއް ލިބިފައި ނުވާތީ މަރާމާތު ކުރަން ޖެހޭ ވަރަށް އެކަން ނުކުރެވޭ ކަމަށް ބުނެ ބައެއް މީޑިއާތަކަށް ހުޅުމީދޫ އަވަށު ބޯޑްގެ ރައީސް އިބްރާހިމްދީދީ އިންޓަވިއު ދެއްވާފައިވާ އިރު އިސްލާމިކް މިނިސްޓްރީން މިސްކިތްތައް މަރާމާތު ކުރުމަށް މާލެ ފިޔަވައި އެންމެ ގިނަ އަދަދަކަށް ފައިސާ ދީފައި ވަނީ އައްޑޫގެ މިސްކިތްތައް މަރާމާތު ކުރަން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
ދާދި ފަހުން ކޯގަންނު ގަބުރުސްތާނުގައި ހުރި މެދުޒިޔާރަތަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދިނުމާ ގުޅިގެން އެ ޚަބަރު ބައެއް މީޑިއާތަކުން ގެނެސް ދިނުމުން އެކަން އެނގުނު ހިސާބުން ފެށިގެން އެކަމަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން އެތަން މަރާމާތު ކުރަން ތައްޔާރުވަމުން ދާކަމަށް ވެސް އިބްރާހިމްދީދީ ވިދާޅުވި ކަމުގައި ވިޔަސް މިއަދާ ހަމައަށް މެދުޒިޔާރަތް މަރާމާތު ކުރުމަށްޓަކައި އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެ އެވެ.
އަނެއްކޮޅުން ކޯގަންނު ގަބުރުސްތާން ހުރި ސަރަހައްދު ވަރަށް ގިރަމުންދާތީ، އެތަނަަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގަބުރުސްތާން ނެތިގެން ހިނގަިއދާނެ ކަމުގެ ބިރު ވެސް ވަނީ އުފެދިފަ އެވެ.