Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު ޝަރުއީ ދާއިރާ

"ޓެރަރިސްޓު" އަމީން ގޭ ބަންދަށް ބަދަލުކުރި މައްސަލައިގެ އަޑުއެހުން މާދަމާ

ހަނގުރާމައަށް މީހުން ފޮނުވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީން ގޭ ބަންދަށް ބަދަލުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން މާދަމާ ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

އެ މައްސަލަ މާދަމާ ހައިކޯޓުގައި ތާވަލުކޮށްފައިވަނީ މެންދުރު 02:00 އަށެވެ.

އަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. މީގެކުރިން ކްރިމިިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

ނަމަވެސް އެ ނިންމުން ކްރިމިނަލް ކޯޓުން ބަދަލުކުރީ ބަންދު މުރާޖައާ ކުރުމަށް ހުށަހެޅުމުންނެވެ. އެގޮތުން އޭނާ ބަންދުން ދޫކޮށްލުމަށް ނިންމީ، އެކަށީގެންވާ ބޭސް ފަރުވާ ލިބެން ނެތް ކަމަށް ބުނެއެވެ.

2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަމީން ހައްޔަރުކޮށްފައިވާއިރު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭނާ އަކީ ގިނަ ދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ރާޖެއިން މީހުން ރެކްރޫޓުކޮށް ހަނގުރާމައަށް މީހުން ފޮނުވަން އަމަލީގޮތުން ހަރަކާތްތެރިވެ އެކަމަށް އެހީތެރިވެދީ ވަގިވެރިވާ މީހެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯޓް ދިނުމާއި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކުގެ އިސް ފަރާތްތަކާއި ގާތް ގުޅުމެއް ބާއްވާ، އެފަދަ ޖަމާއަތްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އަމީން އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

އަމީނަކީ އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ވެސް ހިމެނިފައިވާ ފަރާތެކެވެ. އެމެރިކާއިން ބުނެފައިވާ ގޮތުގައި އޭނާއަކީ ސީރިއާއާ އަފްގާނިސްތާނުގައި ވެސް ވަރަށް އިސްކޮށް އައިސިސްގެ ކަންކަމުގައި ހަރަކާތްތެރިވާ މީހެކެވެ.