Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

އެމްވީކޭ ބައެއް މުވައްޒަފުން ހަޅުތާލުގައި

ފާއިތުވި ދެ މަސް ދުވަހުގެ މުސާރަ ނުލިބިގެން އެމްވީކޭ އައްޑޫގެ ބައެއް މުވައްޒަފުން ހަޅުތާލު ކުރަން ފަށައިފި އެވެ.

އެގޮތުން އެމްވީކޭ އައްޑޫ ޓްރާންސްޕޯޓް ޑިޕާޓްމަންޓް ފިޔަވައި އެހެން ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރާ ގިނަ އަދަދެެއްގެ މުވައްޒަފުން ހަޅުތާލުގައި ބައިވެރިވެ އެވެ.

އޭގެ ތެރޭގައި ގަމުގައި އެމްވީކޭ އިން ހިންގާ ގޭން އައިލެންޑް ރިޓްރީޓް (ކުރީގެ ދޫގަސް) ގެ މަސައްކަތު މީހުންނާއި ލޯންޑްރީ މުވައްޒަފުން ހިމެނެ އެވެ.

އެ މީހުން ބުނީ ފާއިތުވި ދެ މަހުގެ މުސާރަ ނުލިބެނީސް އަލުން މަސައްކަތް ނުފަށާނެ ކަމަށެވެ.

"މި މައްސަލަ އަށް ހައްލެއް ނުލިބި ތަކުރާރުކޮށް އަޅުގަނޑުމެން މި ޖެހެނީ މުސާރަ ނުލިބިގެން އަބަދު ޝަކުވާ ކުރަން. ދޭނަމާ އަބަދު ކިޔާނެ. އެކަމަކު މުސާރަ ލިބޭ ދުވަހެއް ނާދޭ. ކުރީ ހަފުތާގެ ބުދަ ދުވަހު ވެސް ލިބޭނޭ ބުނި. އެހެންވެ މި ފަހަރު އަޅުގަނޑުމެން ނިންމައިގެން މި ތިބީ ދެން މުސާރަ ނުލިބެނީސް މިއަދުން ފެށިގެން މަސައްކަތް ނުކުރަން،" މުވައްޒަފަކު ބުންޏެވެ.

މުވައްޒަފުން ބުނީ މުސާރައިގެ މައްސަލާގައި ޖަވާދުބާރީ ވާނެ މީހަކު ވެސް އައްޑޫގައި ނުހުންނަ ކަމަށެވެ. އަދި ކުންފުނީގެ އިސްވެރިއަކަށް ގުޅައިގެން ދުވަހަކު ވެސް ފޯނަށް ޖަވާބު ނުދެއްވާ ކަމަށް އެ މީހުން ބުންޏެވެ.

މިކަމާ ބެހޭ ގޮތުން އައްޑު އާއި ފުވައްމުލަކަށް ދަތުރުފަތުރުގެ ހިދުމަތް ދޭ އެމްވީކޭ އާ ހަވާލުވެގެން ހުންނަވާ އަޒްހަރު ވަނީ މީޑިއަށް އެއްވެސް މައުލޫމާތެއް އޭނާ އަށް ނުދެއްވޭނެ ކަމަށް ވިދާޅުވެފަ އެވެ.

މުވައްޒަފުން މިއަދު މަސައްކަތް ހުއްޓާލައި ހަޅުތާލު ކުރަން ފެށުމުން ފޭދޫ ކައުންސިލަރު އަހުމަދު މިރުޒާދު (މިރާ) އާއި ކައުންސިލްގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓާ ހަވާލުވެ ހުންނަވާ ކައުންސިލަރު ހުސައިން ހިލްމީ ވަނީ މުވައްޒަފުންނާ ގަމުގައި ބައްދަލު ކުރައްވާފަ އެވެ.

މިރާ ވިދާޅުވީ މި މައްސަލާގައި ކައުންސިލަށް ކޮށްދެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށެވެ. އެކަމަކު މުވައްޒަފުންގެ ޝަކުވާތައް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ހައްލެއް ހޯއްދަވައި ދެވޭތޯ މަަސައްކަތް ކުރައްވާނެ ކަމަށެވެ.

ކައުންސިލުން މީގެ ކުރިން ވަނީ އެމްވީކޭގެ ހިދުމަތާއި މުވައްޒަފުންނާ ދޭތެރޭ އެ ކުންފުނިން ކަންތައްތައް ކުރާ ގޮތާ ބެހޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީ އަށް މައްސަލަ ހުށަހަޅަައިފަ އެވެ.

ސަރުކާރުން އޮންނަނީ އައްޑޫގެ ދަތުރުފަތުރުގެ ކަންތައްތައް މޮނިޓަ ކުރަން އައްޑޫ ސިޓީ ކައުންސިލާ ހަވާލުކޮށްފަ އެވެ.

"އަޅުގަނޑުމެން ތިން ފަހަރަށް މިހާރު މިނިސްޓްރީ އަށް ސިޓީ ފޮނުވައިފިން މި މައްސަލާގައި. އެކަމަކު މިހާތަނަކަށް މިނިސްޓްރީން ކައުންސިލުން ފޮނުވި އެއްވެސް ސިޓީއަކަށް ޖަވާބެއް ނުދޭ." ހިލްމީ ވިދާޅުވި އެވެ.