Last Updated: November 25, 17:24
Monday, November 25, 2024
ޚަބަރު

އައްޑޫގެ މަގު ހެދުމާއި ފެން ހިންދުމުގެ ނިޒާމަށް އެއް ބިލިއަން ރުފިޔާ

އައްޑޫގެ މަގު ހެދުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރުމަށް މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން 1.1 ބިލިއަން ރުފިޔާ ހަރަދު ކުރާނެކަމަށް ސަރުކާރުން ބުނެފިއެވެ.

އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ (އެލްއޯސީ) ދަށުން ކުރިއަށްދާ މިމަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން އަދި ހައުސިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގް އެވެ. އަދި އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޖެނެރަލް މެނޭޖާ އޮފް އެކްސްޕޯޓް އިންޕޯޓް ބޭންކް އޮފް އިންޑިއާ ޝްރީ ގޯރަވް ސިންގް މަންދާރީ އެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ފްލޭނިން މިނިސްޓްރީން ބުނީ މި މަސައްކަތަކަށް ޖުމްލަ 1.19 ބިލިއަން ރުފިޔާ ހަރަދު ކުރެވޭނެކަމަށެވެ.

އައްޑޫގެ މަގު ހެދުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރުމަށް އެގްޒިމް ބޭންކުން ހަވާލު ކުރަނީ އެފްކޯންސް އިންފްރާސްޓަރަކްޗާރ ލިމިޓެޑާއި އެވެ. މިއީ އިންޑިއާގެ އިތުބާރު ހިފޭ 150 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަޖުރިބާ ހުރި ކުންފުންޏެކެވެ. މަސައްކަތް ނިންމުމަށް އެކުންފުންޏަށް ދީފައިވަނީ 730 ދުވަހެވެ.

މި މަޝްރޫއުގެ ތެރޭގައި އައްޑޫ ސިޓީގައި ފެންބޮޑުވުމުގެ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން އައްޑޫ ސިޓީ ފޭދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫ) ޖުމްލަ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ގާއިމުކުރުން ހިމެނެ އެވެ.

މީގެ އިތުރުން، އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އެޅިގެންދާއިރު، ތާރުއެޅުމަށް ކަނޑައެޅިފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސިއެސްބީ) ލެޔާ އެޅުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ތަރައްޤީކުރެވޭ މަގުތަކުގައި މަގުބައްތި، ސީސީޓީވީ ކެމަރާ އަދި އެހެނިހެން ޓްރެފިކް ރައްކާތެރިކަމުގެ ފިޔަވަޅުތައް ޤާއިމްކުރެވޭނެކަމަށްވެސް ސަރުކާރުން ބުނެއެވެ.

މަޝްރޫއު ނިމިގެންދާއިރު ހަންކެޑެ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫއާއި ގުޅާލުމަށްޓަކައި 1.463 ކިލޯމީޓަރުގެ އައު 4 ލެންގެ ޑީޓުއަރ ލިންކް ރޯޑެއް ޤާއިމްކުރެވޭނެއެވެ. މިއީ އައްޑޫގައި ސަރުކާރުން ހިންގާ އެންމެ ބޮޑު އެއްް މަޝްރޫއުއަށް ވެގެންދާނެ އެވެ.

މީގެ އިތުރުންވެސް ލައިން އޮފް ކްރެޑިޓުގެ ތެރެއިން އައްޑޫގެ ބިން ހިއްކުމަށް ކުރިއަށް އޮފް ދެ ހަފްތާ ތެރޭ ސޮއި ކުރުމަށް ވަނީ ހަމަޖެހިފައެވެ.