އިންޑިއާގެ އިތުރުން މުޅި ދުނިޔެ އަށް ވެސް މަޝްހޫރު ކުޅަދާނަ ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރު ކުޅުން ހުއްޓާލަން ނިންމުމާ ގުޅިގެން ބޮލީވުޑްގެ ބައެއް ފަންނާނުން އެކަމާ "މާޔޫސް" ވެއްޖެ އެވެ.
ބޮލީވުޑާއި ކްރިކެޓަކީ އަބަދުވެސް ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެ ދާއިރާ އެވެ. އެގޮތުން ކްރިކެޓް ކުޅުންތެރިން ބޮލީވުޑްގެ ތަރިންނާ އެކު އިޝްތިހާރުތަކާއި ބައެއް ފިލްމްތަކުގައި ވެސް މަސައްކަތް ކުރާ އިރު، ބޮލީވުޑްގެ ގިނަ ފަންނާނުންނަކީ ވެސް ކްރިކެޓަށް ވަރަށް ބޮޑަށް ލޯބި ކުރާ ތަރިންނެވެ.
އެގޮތުން ކްރިކެޓްގެ މައްޗަށް ބިނާކޮށް ވަރަށް ކާމިޔާބް ފިލްމްތަކެއް ވެސް މިހާތަނަށް ހަދާފައިވެ އެވެ. އޭގެ ތެެރޭގައި އޮސްކާ އަށް 2001 ވަނަ އަހަރު ނޮމިނޭޓްވި އާމިރް ހާންގެ "ލަގާން" އާއި ޝަރްމަން ޖޯޝީ ލީޑް ރޯލް ކުޅުނު "ފެރާރީ ކީ ސަވާރީ" ފަދަ ފިލްްމްތައް ހިމެނެ އެވެ.
ސަޗިން ކްރިކެޓުން ރިޓަޔާ ކުރަން ނިންމުމާ ގުޅިގެން ނަސީރުއްދީން ޝާހް ބުނީ "އެއީ ވަރަށް ހިތާމަވެރި ހަބަރެއް" ކަމަށެވެ.
"އޭނާ އެތައް އަހަރެެެެއް ވަންދެން ކްރިކެޓްގެ މައިދާނުގައި އަހަރަމެން އުފާކޮށް ދިން ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން. ކުރިއަށް އޮތް ތަނުގައި ވެސް ސަޗިން އަށް ކާމިޔާބް ދިރިއުޅުމަކަށް އެދެން." ކުޅަދާނަ އެކްޓަރު ނަސީރުއްދީން ޝާހު ބުންޏެވެ.
"ގޭންގްސް އޮފް ވަސެޕޫރު" އަދި "ލަންޗް ބޮކްސް" ފަދަ ފިލްމްތަކުން ފެނިފައިވާ ނަވާޒުއްދީން ސިއްދީގް ބުނީ "ސަޗިންއަކީ ކުޅިވަރުގެ މައިދާނުގައި ދެވަނަ އެއް ނެތް ރޯލް މޮޑެލެއްް" ކަމަށާއި "ސަޗިންއަކީ އެތައް ބަޔަކަށް ހުރި އިންސްޕިރޭޝަންއެއް" ކަމަށެވެ.
ކަބީރު ބޭދީ ބުނީ "ކްރިކެޓް ދަނޑުން ސަޗިން އަލްވަދާއު ކީ ނަމަވެސް، އޭނާ އަބަދު ވެސް ދެމި ހުންނާނީ އިންޑިއާގެ ރައްޔިތުންގެ ހިތްތަކުގައި ވަރުގަދަ އައިކަންއެއްްގެ ގޮތުގައި" ކަމަށެވެ.
އެކްޓަރު ސޯނޫ ސުއޫދު ފާހަގަ ކުރާ ގޮތުގައި "ސަޗިން އާ ނުލައި ކްރިކެޓް އެހާ ފުރިހަމަ ތަޖުރިބާއަކަށް ނުވާނެ އެވެ.
"މީގެ ސަބަބުން ކްރިކެޓަށް ލޯބި ކުރާ އެތައް ބަޔަކު މި ކުޅިވަރު ދެކެ ފަހަރުގައި ފޫހި ވެސް ވެދާނެ. އަނެެއްކާ ސަޗިން ކުޅުނު އިރު މެޗްތައް ބަލާލަން ޝައުގުވެރިކަން އޮންނަ ވަރަށް ދެން ކްރިކެޓަށް އެހާ ބޮޑު ޝައުގުވެރި ކަމެއް އަހަންނަށް ވެސް ދެވޭނެ ކަމާ ދޭތެރޭ ޝައްކު،" ސޯނޫ ބުންޏެވެ.