Last Updated: November 28, 21:08
Thursday, November 28, 2024
ވިޔަފާރި

"ޝަންގްރިއްލާ ފެރީ ހުއްޓާލީ ފައިދާއެއް ނުވާތީ"

މީގެ ކުރިން އެމްވީކޭ އިން ޝަންގްރިއްލާ އަށް ބާއްވަމުން ދިޔަ ފެރީ ދަތުރުތައް އެގްރިމަންޓް ހަމަވުމާ އެކު ހުއްޓާލާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްވީކޭގެ އޮފިޝަލަކު ވިދާޅުވީ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާގެ މުވައްޒަފުންގެ ދަތުރުތައް ކުރުމަށް ޝަންގްރިއްލާ އާ އެކު 2011 ވަނަ އަހަރު ހެދީ އެއް އަހަރުގެ ކޮންޓްރެކްޓެއް ކަމަށެވެ.

އަދި އެ ކޮންޓްރެކްޓްގެ މުއްދަތު މިދިޔަ އަހަރު ފަހުކޮޅު ހަމަވުމާ އެކު، ޝަންގްރިއްލާ އަށް އެމްވީކޭން ބޭއްވި ދަތުރުތައް ހުއްޓާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މައިގަނޑު ސަބަބަކީ އެގްރިމަންޓްގެ އަގު ކުޑަވުމާއި އެމްވީކޭ އިން އައްޑޫ ރައްޔިތުންނަށް ދޭ ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތަށް ބުރޫ އެރުމެވެ.

"އެއީ އަޅުގަނޑުމެންނަށް މާ ބޮޑު ފައިދާއެއްވި ކަމެއް ނޫން. ވަރަށް ކުޑަކުޑަ އަގަކަށް އެކަން ކުރީ. އެހެންވެ އެގްރިމަންޓް ހަމަވުމާ އެކު އަޅުގަނޑުމެން ހުއްޓާލީ،" އޮފިޝަލް ވިދާޅުވި އެވެ. "އަނެއްކާ ޝަންގްރިއްލާގެ ދަތުރުތައް ރޭވިފައި އޮޮތް ގޮތުން އެމްވީކޭ އިން ދޭ ޕަބްލިކް ޓްރާންސްޕޯޓަށް ވަރަށް ބޮޑަށް ހުރަސް އެޅެމުން ދިޔަ. އެހެންވެ ދެން އެކަމުގައި ކުރިއަށް ދާން ބޭނުން ނުވީ."

ޝަންގްރިއްލާގެ ދަތުރުތައް މިހާރު ކުރަނީ ލިއީ ކުންފުނިންޏެވެ. އެ ކުންފުނިން އަންނަނީ ފެރީ އާއޮ ބަހުގެ ހިދުމަތް ޝަންގްރިއްލާގެ މުވައްޒަފުންނަށް ދެމުންނެވެ.

އެމްވީކޭން ބުނީ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދެނީ ވެސް މާ ބޮޑު ފައިދާއެއް ވެގެން ނޫން ކަމަށެވެ. އަދި ކިރިޔާ ލިބެނީ ތެލުގެ ހަރަދު ހަމަޖެއްސޭ ވަރުގެ އާމްދަނީއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

"އެކަމަކު މިކަން ހުއްޓާ ނުލައި ކުރިއަށް ގެންދަން ބޭނުން. މިއީ އާންމު ރައްޔިތުންނަށް ދެވޭ ވަރަށް މުހިއްމު ބޭނުންތެރި ހިދުމަތެއް." އޮފިޝަލް ވިދާޅުވި އެވެ.