އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި 76 މީހުންގެ ތެރެއިން 44 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ މިހާތަނަށް އައްޑޫން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން 44 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި މިވަގުތު ބަލި ޖެހިފައި އައްޑޫގައި ތިބީ ޖުމްލަ 32 މީހުން ކަމަށެވެ.
އައްޑޫގައި މިވަގުތު ޖުމްލަ 3 ކްލަސްޓަރ އޮތް އިރު އެމްޓީސީސީ ކްލަސްޓަރ އަދި އޭވިއޭޝަން ކްލަސްޓަރ އިން ފާއިތުވި 24 ގަޑިއިރު ތެރޭގައި އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ނުވެއެވެ. މި ވަގުތު އައްޑޫގައި ނުރައްކާ ބޮޑުކޮށް އޮތީ މިދިޔަ ހޮނިހިރު ދުވަހު މީދޫން އަލަށް ފެނުނު "ރެންޑަމް ކްލަސްޓަރ" އެވެ. އެ ކްލަސްޓަރ އިން މިހާތަނަށް 8 މީހުން ޕޮޒިޓިވްވެފައިވާ އިރު ކޮންޓެކްޓުންގެ ގޮތުގައި 19 މީހަކު ވަނީ ދެނެގަނެވިފައެވެ.
އައްޑޫގެ ވަކި ރަށްތަކަށް ބަލާއިރު އެންމެ ގިނަ އެކްޓިވް ކޭސް ހުރީ ފޭދޫގައެވެ. ފޭދޫގައި އެކްޓިވް 12 ކޭސް ހުރިއިރު ހިތަދޫގެ އެކްޓިިވް ކޭސްގެ އަދަދަކީ 9 އެކެވެ. މީދޫގެ 8 ކޭސް ހުރި އިރު މަރަދޫ ފޭދޫގެ ކޭސްގެ އަދަދަކީ 1އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 2 މީހަކަށް ކޮވިޑު ފެސިލިޓީގައި ދަނީ ފަރުވާ ދެމުންނެވެ.
އެޗްޕީއޭއިން ރޭ ވަނީ ހުޅުމީދޫ ފިޔަވައި އައްޑޫގެ ގުޅިފައިވާ ރަށްތަކަށް އިއްލާން ކުރި ކާފިއު އުވާލާފައެވެ. ރޭ އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ދާޅުވީ ހުޅުމީދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލަން ނިންމާފައިވަނީ ރެންޑަމްކޮށް ނެގުނު ސާމްޕަލްތަކުގެ ނަތީޖާތަކަށް ވެސް ބެލުމަށްފަހު ކަމަށެވެ. އަދި ފިޔަވަޅުތައް އުވާލި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސޯބެ އިލްތިމާސްކުރެއްވިއެވެ. އެގޮތުން ގެއިން ބޭރަށް ނިކުންނައިރު މާސްކު އެޅުން ފަދަ ކަންކަން ސޯބެ ފާހަގަކުރެއްވިއެވެ.
ހުޅުމީދޫގެ ފިޔަވަޅުތައް އުވާލަން ނިންމާފައި ނުވަނީ އެ ރަށުން ރެންޑަމްކޮށް ނެގި ދެ ސާމްޕަލް ޕޮޒިޓިވްވެ، އެ ދެ މީހުންނާއި ކޮންޓެކްޓުވި އިތުރު ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
އައްޑޫ އިން މިހާތަނަށް 2754 ރެންޑަމް ސާމްޕަލް ވަނީ ނަގާފައެވެ.