Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

"މިނިސްޓަރު ބަދަލުކުރުމަކުން އިންޓަނެޓްގެ އަގު ހެވެއް ނުވާނެ"

މެމްބަރު އަހުމަދު ސަލީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިނިސްޓަރު ބަދަލުކުރުމަކުން އިންޓަނެޓްގެ އަގު ހެވެއް ނުވާނެ ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިފަދައިން ވިދާޅުވެފައިވަނީ ރިޔާސީ ބަޔާނަށް ޖަވާބު ދިނުމުގެ ގޮތުން މަޖިލީހުގައި އިއްވި ބަޔާނުގައެވެ.

ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލް އެމަނިކުފާނުގެ މަޤާމުގެ މައްސޫލިޔަތު އަދާނުކުރާކަމަށް ބުނެ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް 14 މެމްބަރުންގެ ސޮޔާއި އެކު މަޖިލީހަށް ވައްދާފައެވެ.

އެކަމަށް ރައްދު ދެއްވާ ސަލީމް ވިދާޅުވީ ތަރައްގީގެ މަގުގައި އިތުރު ކުރިއެރުންތައް ރާއްޖެއަށް ހޯދޭނީ އަދި ޒަމާނީ އައު ޓެކްނޮލޮޖީއާ އީޖާދީ ގޮތްތަކުގެ ބޭނުން ހިފޭނީ އިންޓަނެޓްގެ ހިދުމަތުގެ އަގު ހެޔޮވެގެން ކަމަށެވެ. އެެހެންނަމަވެސް އިންޓަނެޓްގެ ހިދުމަތުގެ އަގުހެޔޮ ކުރުމުގެ ސިޔާސަތު މިއަދާ ހަމައަށް އައިރުވެސް ތަންފީޒު ކުރެވިފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، އޭގެ ސަބަބުން ރައްޔިތުން މާޔޫސްވެފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ މިނިސްޓަރު ބަދަލުކުރުމަކުން އިންޓަނެޓްގެ އަގު ހެޔޮ ނުވާނެ ކަމަށެވެ.

"މިިނިސްޓަރު ބަދަލު ކުރުމަކުން އިންޓަނެޓް އަގު ހެވެއް ނުވާނެ. އެކަން ކުރެވޭނީ ކަންކަންކުރަން ދަންނަ ސަރުކާރެއް ގާއިމު ކުރެވުނު ދުވަހަކުން." ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުގައި އޮންލައިންކޮށް ހުރިހާ ކަމެއްކުރަން ޖެހުނުއިރު، ރާއްޖޭގެ މަތީތައުލީމުދޭ މަރުކަޒުތަކާއި ސްކޫލް މަދަރުސާތަކުގެ ކިޔެވުން، އޮންލައިންކޮށް ކުރިއަށް ގެންދިއުމުގައި އިންޓަނެޓް އަގުބޮޑުވުމާ ހިދުމަތް ލަސްވުމަކީ ދިމާވި ބޮޑު ގޮންޖެހުމެއްކަމަށެވެ.

މަޖިލީހަށް ހުށަހެޅި މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނެފައިވަނީ، ޓެލިކޮމިއުނިކޭޝަން ޤާނޫނުން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކަށް ރިއާޔަތްކޮށް ބަލާއިރު، ޤާނޫނުގެ ދަށުން ރާއްޖޭގެ ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަންޖެހޭ އެއްވެސް ގަވައިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީއިރުވެސް މިނިސްޓަރު މަލީހް ހައްދަވާފައި ނުވާކަމަށެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނެފައިވަނީ، އެ ގަވައިދު ތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތަކެއްކަމަށްވެފައި އެ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި، ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަމަށެވެ.