Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު ޝަރުއީ ދާއިރާ

ނިހާންގެ މައްސަލަ މިއަދުވެސް ކުރިއަށް ނުގެންދެވުނު

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން - ފޮޓޯ: ސަން

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މިއަދުގެ ޝަރީއަތްވެސް ކުރިއަށް ނުގެންދެވި ނިންމާލަންޖެހިއްޖެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މައްސަލައިގައި ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުން ފެއްޓުމާއި އެކު ނިހާންގެ ވަކީލް ވަނީ މައްސަލައިގެ ލިޔެކިޔުން ލިބުނީ މައްސަލަ ބައްލަވާ ގާޒީގެ ސެކްޝަނުން ނޫންކަމާއި، ގާޒީ ބަދަލުވިކަން އަންގާފައި ނުވާތީ އެކަން ފާހަގަކުރައްވާފައެވެ.

އެކަމާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ނިހާންގެ މައްސަލަ ހަވާލުކޮށްފައިއޮތީ އެ ސެކްޝަނާއި ކަމަށާއި، އެހެންނަމަވެސް އެ ސެކްޝަނުން މައްސަލަބަލާ ކަމުގެ ލިޔުން ރަޖިސްޓްރާގެ ފަރާތުން ނިހާނަށް ފޮނުވިފައި ނުވާކަމަށެވެ. އެހެންނަމަވެސް އެ ލިޔުން މިއަދު ހަވާލުކޮށްދޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި ލިޔުން ނުލިބެނީސް މިއަދުގެ އަޑުއެހުން ކުރިއަށް ގެންދިއުމުގައި ނިހާންގެ ވަކީލުންގެ މައްސަލައެއް އޮތްތޯ ގާޒީ ސުވާލު ކުރެއްވިއެވެ. އެހެންނަމަވެސް ނިހާންގެ ވަކީލުން ވަނި ކްރިމިނަލް ކޯޓުގެ ރަޖިސްތްރާގެ ސެކްޝަނުން ލިބެންޖެހޭ ލިޔުން ނުލިބި މިއަދުގެ އަޑުއެހުން ކުރިއަށްގެންދިއުން ރަނގަޅު ނޫންކަމަށް ވިދާޅުވެފައެވެ. އަދި މައްސަލަ ބައްލަވާ ގާޒީވެސް އެކަމަށް އެއްބަސްވެލެއްވިއެވެ.

އޭގެ ފަހުން ނިހާންގެ ވަކީލުން ވަނީ ދައުލަތުން މައްސަލައިގައި ހަވާލުކޮށްފައިވާ ބައެއް ލިޔެކިޔުން ސާފު ނުވާކަމަށް ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން ދައުލަތުން ބުނެފައިވަނީ، ސާފު ނުވާ ލިޔެކިޔުމުގެ މައުލޫމާތު ލިޔުމުން ހުށަހެޅުމަށެވެ. އޭރުންއެކަންކަން ހަމަޖައްސައިދޭނެކަމަށް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ގާޒީ ވިދާޅުވީ ދެން އަންނަ އަޑުއެހުމެއްގައި ދައުވާ އިއްވުމަށް ފުރުސަތު ދެއްވާނެކަމަށެވެ.

ނިޙާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ޝަރިއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ނިހާން ފުރުން މަނާކޮށް ވަނީ ޕާސްޕޯޓް ހިފަހައްޓާފައެވެ.

ނިހާންގެ މައްޗަށް އުފުލާ ދައުވާގެ ތަފްސީލު:

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތާއި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ކުށްތަކާ ގުޅިފައިވާ ފައިސާ ނިހާނަށް ލިބުނު މައްސަލަ ފުލުހުންނާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ތަހުގީގުކުރުމަށްފަހު ނިހާންގެ މައްޗަށް ވަނީ ހަ ދައުވާއެއް ކޮށްފައެވެ.

އެގޮތުން ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. އަދި މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ކޯޓުގައި ވަނީ އެދިފަ އެވެ.

ޕީޖީ އޮފީހުން ބުނީ ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާ އާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސް އިން ފްލެޓެއް ގަނެފައިވާ ކަމަށެވެ.

އޭގެ އިތުރުން 2014 ވަނަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑުގެ ގަޑިއެއް ދިނުމަށް އަދީބު ގާތުގައި އެދުމުން، މ. ވިލާދަށުގެ/ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް އަދީބު ދިން ގަޑި ބަލައިގަނެފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

މީގެއިތުރުން ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރިއިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާ ކުރި މަސްއޫލިއްޔަތުތައް އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދިފައިވާ ކަމަށާއި އަދި އެ ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.