Last Updated: November 23, 17:46
Saturday, November 23, 2024
ޚަބަރު ކޮވިޑު-19

"މާލެ އޮތީ ލޮކްޑައުނަކަށްދާ ހާލަތުގައި"

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް - ފޮޓޯ: ހެލްތު މިނިސްޓްރީ

މާލެސިޓީ އޮތީ ލޮކްޑައުންއަކަށް ދާ ހާލަތުގައި ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަސީމް މިފަދައިން ވިދާޅުވެފައިނީ މަޖިލީހުގައި ކުރިއަށްދާ ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތަކަށް ޙާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ލޮކްޑައުނަކަށް މިހާރު ދެވެން ނެތްކަމަށާއި، ޤައުމުގެ އިގްތިސާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގެ ހާލަތުމިހާރު އޮތީ ލޮކްޑައުންއަކަށްދާ ހާލަތުގައިކަމަށެވެ.

"ދިވެހިރާއްޖޭގެ މާލޭގެ ހާލަތު، މުޅި ދިވެހި ރާއްޖެއެއްނޫން، އަސްލު ރިސޯޓްތަކުގެ ހާލަތެއްވެސް ނޫން، އެކަމަކު މާލޭގެ ހާލަތު، މިއޮތީ ލޮކްޑައުނަކަށް ދާ ހާލަތުގައި." މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ މާލޭގެ ހާލަތު މިހާރު އޮތީ "އައުޓް އޮފް ކޮންޓްރޯލް" ގައި ކަމަށެވެ. މާލޭގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކޮށް މިނިސްޓަރު ނަސީމް ވިދާޅުވީ މިއަދުވެސް މިހާތަނަށް 130 އަށްވުރެއް ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 200 އިން މައްޗަށް އެރުމަކީ އެކަށީގެންވާކަމެއްކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ކޮވިޑް-19 އަކީ އާދައިގެ ރޯގާއެއްގެ ގޮތުގައި ދެކުމަކީ ވަރަށް ދެރަކަމެއް ކަމަށާއި، މިއީ އާދައިގެ ބައްޔެއް ނޫންކަމަށެވެ. މި ބައްޔަކީ ސީރިއަސް ބައްޔެއްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ބަލި ކޮންޓްރޯލް ކުރެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން ކަމަށެވެ. އަދި ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން ހެދުމަށް މަސައްކަތްކުރާ ކުދިންގެ ތެރެއިންވެސް 23 ކުދިން މިހާތަނަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ނަސީމް ވިދާޅުވީ ލޮކްޑައުނަކަށް ދެވެން ނެތްނަމަވެސް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށާއި، އިތުރު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.