ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި ވަނީ މަލީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައެވެ. މިގޮތުން އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ދެ ގަޑިއިރަަށް ދެމިގެންދާއިރު، މިނިސްޓަރު މަލީހަށް ޖަވާބުދާރީ ވުމަށްވެސް 30 މިނެޓްގެ ފުރުސަތު ލިބިގެންދާނެ އެވެ.
މަޖިލީހުގެ 14 މެމްބަރުންގެ ސޮޔާއި އެކު މަޖިލީހަށް ހުށަހެޅި މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނެފައިވަނީ، ޓެލިކޮމިއުނިކޭޝަން ޤާނޫނުން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކަށް ރިއާޔަތްކޮށް ބަލާއިރު، ޤާނޫނުގެ ދަށުން ރާއްޖޭގެ ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަންޖެހޭ އެއްވެސް ގަވައިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީއިރުވެސް މިނިސްޓަރު މަލީހް ހައްދަވާފައި ނުވާކަމަށެވެ.
"އަދި، ބުނެވިދިޔަ ގަވައިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް ވަޒީރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައިނުވާކަމާއި، އަދި އެކަމަށް ހުރަސް އަޅުއްވާފައިވާކަން ސާފުވާތީ.." އިތުބާރު ނެތްކަމުގެ މައްސަލައިގައިވެއެވެ.
އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނެފައިވަނީ، އެ ގަވައިދު ތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތަކެއްކަމަށްވެފައި އެ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި، ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަމަށެވެ.
މިނިސްޓަރު މަލީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކޮށްފައިވަނީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، ބިލެތްދޫ ދާއިރާގެ މެމްމަބަރު އަހުމަދު ހަލީމް، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީޤް، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން، މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު، މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އަދި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު އެވެ.