Last Updated: December 28, 10:49
Saturday, December 28, 2024
ޚަބަރު

ނިޒާރު، ޖަމީލަށް: އައްޑޫއަށް ވީކަމެއް ވެފައި އޮތީ އެމްޑީޕީން ކޮށްދިނުމުން

އައްޑޫ ސިޓީ އަށް ވީކަމެއް މިހާތަނަށް ވެފައި އޮތީ އެމްޑީޕީން ކޮށްދިނުމުން ކަމަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވެފައިމިވަނީ ހުސް ވައުދުން އެކަނި އައްޑޫ ތަރައްޤީވާނަމަ އެމްޑީޕީއަށް މިހާރު އެކަން ކުރެވުނީސް ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ.މުހައްމަދު ޖަމީލު ވިދާޅުވުމާ ގުޅިގެންނެވެ.

ޖަމީލުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ނިޒާރު ވިދާޅުވީ އައްޑޫއަށް ވީކަމެއް ވެފައޮތީ އެމް.ޑީ.ޕީ އިން ކޮށްދިން ކަމެއް ކަމަށާއި އަދި އައްޑޫ އަށް ވައުދުވެ އެ ވައުދު ފުއްދާނީވެސް އެމް.ޑީ.ޕީ އިން ކަމަށެވެ.

"މަނިކުފާނުގެ ފިކުރުން ރާއްޖޭގެ ވެރިކަމުގައި 7 އަހަރު ވީއިރު އައްޑޫގައި ހަދައި ނިންމި އެންމެ މަގެއްގެ ނަން ވިދާޅުވެއްޖެނަމަ އަޅުގަނޑު މި ސިޔާސީ މަސައްކަތް ހުއްޓާލާނަން" ނިޒާރު ވިދާޅުވިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ތަރައްޤީކުރާ އައްޑޫގެ މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

މި އެއްބަސްވުމުގެ ދަށުން އައްޑޫގެ ފެން ހިންދުމުގެ މަޝްރޫއުގެ ތެރެއިން ފޭދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫ) ޖުމްލަ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އެޅިގެންދާއިރު، ތާރުއެޅުމަށް ކަނޑައެޅިފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސިއެސްބީ) ލެޔާ އެޅުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ތަރައްޤީކުރެވޭ މަގުތަކުގައި މަގުބައްތި، ސީސީޓީވީ ކެމަރާ އަދި އެހެނިހެން ޓްރެފިކް ރައްކާތެރިކަމުގެ ފިޔަވަޅުތައް ޤާއިމްކުރެވޭނެކަމަށްވެސް ސަރުކާރުން ބުނެއެވެ.

މަޝްރޫއު ނިމިގެންދާއިރު ހަންކެޑެ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫއާއި ގުޅާލުމަށްޓަކައި 1.463 ކިލޯމީޓަރުގެ އައު 4 ލެންގެ ޑީޓުއަރ ލިންކް ރޯޑެއް ޤާއިމްކުރެވޭނެއެވެ. މިއީ އައްޑޫގައި ސަރުކާރުން ހިންގާ އެންމެ ބޮޑު އެއްް މަޝްރޫއުއަށް ވެގެންދާނެ އެވެ.