އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް، ޓިގްމާންޝޫ ދޫލިއާ ޑައިރެކްޓް ކުރާ "މިލާން ޓޯލްކީސް" ގެ ވާހަކަތައް އެކި ފަހަރު އެކި ގޮތްގޮތަށް އަންނަނީ ދެކެވެމުންނެވެ.
އެންމެ ފުރަތަމަ އަޑު އިވުނީ މި ފިލްމްގެ ލީޑް ރޯލް ކުޅޭނީ އިމްރާން ހާނާއި ޕްރިޔަންކާ ޗޯޕްޅާ ކަމަށް ފެތުރު ވާހަކަތަކެވެ.
އޭގެ ފަހުން ދެން އަޑު އިވުނީ އެކްތަ ޕްރޮޑިއުސްކޮށް އަކްޝޭ ކުމާރާއި، ސޮނާކްޝީ ސިންހާ އަދި އިމްރާން ލީޑް ރޯލް ކުޅެ މި އަހަރު ނެރުނު "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ ދޮބާރާ" ގެ ބޮޑު ނާކިޔާބީ އަށް ފަހު، އިމްރާން "މިލާން ޓޯލްކީސް" އިން ވަކިވި ވާހަކަ އެވެ.
ެއެއާ ވިއްދައިގެން ދެން އަޑު އިވުނީ މި ފިލްމްގެ ބަތަލަކަށް ޝާހިދު ކަޕޫރު ހަމަޖެއްސި ވާހަކަ އެވެ. އެ އަޑާ އެކު ދެން އިވުނީ ޝާހިދާ އެކު ޕްރިޔަންކާ މަސައްކަތް ކުރަން ބޭނުން ނުވެގެން ފިލްމުން ވަކިވި ވާހަކަ އެވެ.
ސަބަބެއް ކަމަށް މީޑިއާތަކުން އަޑު ފެތުރިފައި ވަނީ ޝާހިދުގެ އެންމެ ފަހުން ރިލީޒްވި ތިން ފިލްމް ވެސް ބޮޑު ޕްލޮޕަކަށްވުމެވެ. އެއީ ޝާހިދާއި ޕްރިޔަންކާ ލީޑް ރޯލް ކުޅުނު "ތޭރީ މޭރީ ކަހާނީ" އާއި ޝާހިދާއި ސޯނަމް ކަޕޫރު ކުޅުނު "މޯސަމް" ގެ އިތުރުން ދާދި ފަހުން ރިލީޒްވި ޝާހިދާއި އިލިއާނާ ޑި ކްރޫޒްގެ "ޕަޓާ ޕޯސްޓަރު ނިކްލާ ހީރޯ" އެވެ.
ޝާހިދުގެ ފެއިލިއާތަކ ހެދި ޕްރިޔަންކާ އޭނާ އާ އެކު މަސައްކަތް ކުރަން ޖެހިލުންވީ ކަމަށް މީޑިއާތަކުން ބުނެ އެވެ.
އޭގެ ފަހުން އަޑު އިވުނީ "މިލާން ޓޯލްކީސް" ގައި ޝާހިދާ އެކު ފެނިގެން ދާނީ "އާޝިގީ 2" ގެ ބަތަލާ ޝްރަދާ ކަޕޫރު ކަމަށް ދެކެވުނު ވާހަކަތެކެވެ.
އެެކަމަކު ޝާހިދާ އެކު ވިޝާލް ބަރަދްވާޖްގެ "ހައިދަރު" އަށް ޝްރަދާ ސޮއިކޮށްފައިވާތީ އެއް ފަަހަރާ ދެ ފިލްމްގައި ޝާހިދާ އެކު މަސައްކަތް ކުރަން ބޭނުން ނުވެގެން "މިލާން ޓޯލްކީސް" އިން ޝްރަދާ ވަނީ ވަކިވެފަ އެވެ.
މިހާރު އެންމެ ފަހުން އަޑު އިވުނު ގޮތުގައި މި ފިލްމް ޝާހިދު ވެސް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
އެހެންވެ "މިލާން ޓޯލްކީސް" ގެ ބަތަލަކަށް "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ފެނުނު ވަރުން ދަވަން ހަމަޖައްސާފައިވާ ކަމަށްވެ އެވެ.
އެކްތަ ޕްރޮޑިއުސްކޮށް، ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓް ކުރާ "މޭ ތޭރާ ހީރޯ" ގެ މަސައްކަތް ވެސް ވަރުން މިހާރު އަންނަނީ ކުރަމުންނެވެ.
މި ފިލްމްގެ ބަތަލާއިންނަކީ އިލިއާނާ ޑިކްރޫޒް އާއި ނަރްގިސް ފަޙްރީ އެވެ.
އެހެން ނަމަވެސް "މިލާން ޓޯލްކީސް" ގެ ބަތަލާއަކީ މިހާރު ކާކު ކަމެއް އަދި ނޭނގެ އެވެ.