Last Updated: November 25, 13:27
Monday, November 25, 2024
ޚަބަރު

އުރީދޫގެ ހިއްސާއަކަށް 2.34ރ. ބަހަން ފާސްކޮށްފި

އުރީދޫއަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން 2.34 ރުފިޔާ ހިއްސާއަކަށް ބަހަން ނިންމައިފިއެވެ.

ރޭ ވާޗުއަލްކޮށް އެކުންފުނިން ބޭއްވި އަހަރީ އާއްމު ޖަލްސާގައި ބައިވެރިވި ހުރިހާ ހިއްސާދާރުވެސް ވަނީ ފައިދާގެ ގޮތުގައި 2.34 ރ. ބަހަން ތާއިދުކޮށްފައެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 407 މިލިއަން ރުފިޔާ ލިބުނެވެ.

ރޭގެ ޖަލްސާގައި އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ މިދިޔަ އަހަރަކީ އުރީދޫއަށް އެހެން އަހަރު ތަކާއި އަޅާ ބަލާ އިރު ފައިދާ ބޮޑު އަހަރެއް ނޫންކަމަށެވެ. ނަމަވެސް އުރީދޫގެ ހިތްވަރު ގަދަ މުވައްޒަފުން ކުރި މަސައްކަތުން މިދިޔަ އަހަރަކީ ކުންފުންޏަށް ގެއްލުންވި އަހަރެއް ނޫންކަމަށެވެ.

ރޭގެ ޖަލްސާގައި އުރީދޫ އޮޑިޓް ކުރާނެ ފާމެއްގެ ގޮތުގައި ހަމަޖެއްސީ ޕްރައިސްވޯޓާ ހައުސް ކޫޕާސް (ޕީޑަބްލިއުސީ) އެވެ. އެކުންފުނި އޮޑިޓު ކުރުމަށް ދިން އަގަކީ 59,610 ޑޮލަރަށެވެ.

އުރީދޫގެ ހިއްސާގެ ތެރެއިން 90 ޕަސެންޓް ހިއްސާ އަކީ ވަތަނިޔާ އިންޓަނޭޝަނަލް އެވެ. އަދި 5.64 ޕަސެންޓް ހިއްސާ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ތަމްސީލު ކުރާއިރު އާންމުންގެ ހިއްސާގެ އަދަދަކީ 3.86 ޕަސެންޓެވެ.