ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅިން ހަމަލާދީ މަރާލި ރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރާއި ގުޅިގެން ފޮރެންސިކް ހެކި ހޯދުމަށް ފޯނެއް ސިންގަޕޫރަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރަށްވެހި ފަތިސް ކެމްޕެއިންގައި ރޭ ރ. މީދޫއަށް ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަނަސްގެ މަރުގެ މައްސަލައިގެ ތަހްގީގު ނިމެން ކައިރިވެފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"މިހާރު އޮތީ ގާތްގަނޑަކަށް މުޅިން ނިމިފައި އޮތް ކަމަށް އަޅުގަނޑަށް އަޕްޑޭޓް ލިބުނީ. ހަމައެކަނި ފޮރިންސިކް އެވިޑެންސްއަށް ބޭރަށް ފޮނުވަން ޖެހޭ އެންމެ އެއްޗެއް އެބައޮތް. އެ ފޮނުވުމުގެ މަސައްކަތް އެ ގެންދަނީ. އަޅުގަނޑު ހިތުން ފޯނެއް މި އުޅެނީ ފޮރިންސިކް އެވިޑެންސްއަށް ފޮނުވަން ޖެހޭ. އެހެންވީމަ އެ ފޯނު ފޮނުވާ ސިންގަޕޯއިން ހޯދަން ޖެހޭ މައުލޫމާތު ހޯދުމަށް ފަހު އެންމެ ފަހުގެ މައުލޫމާތު އިރާދަކުރެއްވިއްޔާ އަނަސްގެ މަރާ ގުޅިގެން ކޮމިޝަނުން ނެރޭނެ،"
އަނަސް މަރާލި މައްސަލައިގައި ދަޢުލަތުން ދައުވާކޮށްފައި ވަނީ ލ. ގަން، ތުނޑި، ނަންނާރިގެ ޖުނައިދު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު، އުޘްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާޤު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒްގެ މައްޗަށެވެ.
މި ހުރިހާ އެންމެން ވެސް ވަނީ ދައުވާ އަށް އިންކާރު ކޮށްފައެވެ