އައްޑޫ ސިޓީ ހުޅުމީދޫގައި ކާފިއު އަނެއްކާވެސް އިތުރު 7 ދުވަހަށް ދިގު ދެންމުމަށް ނިންމާފައިވާ ކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ސޯބެ ވިދާޅުވީ އެޗްޕީއޭއިން ހުޅުދޫމީދުގައި ކާފިއު ހިންގުމަށް އިތުރު ކުރި މުއްދަތު ރޭގެ 12 ޖެހުމާއި ހަމައަށް ހަމަވެފައިވާ އިރު އިތުރު ހަތް ދުވަހަށް ކާފިއު ހިންގުމަށް އެޗްޕީއޭއިން ނިންމާފައިވާ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެފައިވާ ކަމަށެވެ.
ސޯބެ ވިދާޅުވީ ފާއިތުވި ދެ ދުވަހު އައްޑޫން ކޭސް އެއް ނުފެނުނު ނަމަވެސް މިހާރުވެސް މީދޫން 300 އަށް ވުރެ ގިނަ ސާމްޕަލް ނަގައި ޓެސްޓު ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހުރިާ ސާމްޕަލްގެ ނަތީޖާ ލިބުމުންވެސް އިތުރު ސާމްޕަލް ތަކެއް ނެގުމަށް ވިސްނާފައިވާ ކަމަށެވެ.
"އެޅިފައިވާ ފިޔަވަޅުތައް ދޫކޮށްލާނީ މިހާރު ނެގިފައިވާ ސާމްޕަލް ތަކުގެ ނަތީޖާ ލިބި އަދި އިތުރު ސާމްޕަލް ތަކެއް ނެގުމަށް ފަހު ބަލި ނެތްކަން ޔަގީން ކުރުމަށް ފަހު" ސޯބެ ވިދާޅުވިއެވެ.
މީދޫން މިހާތަނަށް 13 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ހުޅުމީދޫގައި އެޗްޕީއޭއިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 8 އިން ފަތިހު 4 ޖެހުމާ ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުމަކީ ވެސް މަނާ ކަމެއް ކަމަށާއި ހުޅުމީދޫގެ އެއް އަވަށުން އަނެއް އަވަށަށް ދިޔުމާއި އެއް ގެއިން އަނެއް ގެޔަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.
ފިހާރާތަކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމަށް ވެސް ވަނީ އަންގާފައެވެ.
އަދި ޔުނިވަރސިޓީތަކާއި، ކޮލެޖްތަ ކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކް ލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށާއި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ.